ބައިނަލްއަޤްވާމީ ޤާނޫނާއި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ސަބަބުން އިސްރާއީލު ސަރުކާރާއެކު އޮތް މުއައްސަސާތަކުގެ ގުޅުން ކަނޑާލައި، ޓެލް އަވީވްއާއެކު އޮތް އެކުވެރިކަމުގެ އެއްބަސްވުން ނިމުމަކަށް ގެންނަން ސްޕެއިންގެ ބާސެލޯނާ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

ބާސެލޯނާގައި ވެރިކަން ކުރާ ސޯޝަލިސްޓް ޕާޓީއާއި ވާތު ފިކުރުގެ އިއްތިހާދާއި އަދި މިނިވަންކަމަށް ތާއީދުކުރާ ވާތު ފިކުރުގެ ގްރޫޕްތަކުގެ ތާއީދާއެކު ހުށަހެޅުނު މި މައްސަލައިގައި "ބައިނަލްއަޤްވާމީ ޤާނޫނަށް" އަދި "ފަލަސްޠީނު ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް" އިޙްތިރާމްކުރަން ފަށަންދެން އިސްރާއީލާއެކު ހުރިހާ ރަސްމީ ގުޅުމެއް ނިމުމަކަށް ގެނައުމަށް ވަނީ ގޮވާލާފައެވެ.

Ad
rt

މިގޮތުން ބާސެލޯނާއިން ވަނީ ޓެލް އަވީވް-ޖައްފާ އާއެކު 1998 ގައި ވެފައިވާ އެކުވެރިކަމުގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ. އަދި ވިޔަފާރީގެ ފެއާތައް އިންތިޒާމްކުރާ ބާސެލޯނާގެ ފިރާ-ދެ ބާސެލޯނާއަށް ވަނީ އެ މީހުންގެ ފެއާތަކުގައި އިސްރާއީލު ސަރުކާރުގެ ޕެވިލިއަންތަކާއި ހަތިޔާރުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ނުވަތަ ޣައްޒާގެ ހަނގުރާމައިން ފައިދާ ނަގާ ކުންފުނިތައް ބައިވެރިނުކުރުމަށް ގޮވާލާފައެވެ. މިފަދަ ހުށަހެޅުމެއް ބާސެލޯނާ ބަނދަރަށް ވެސް ހުށަހަޅާފައިވެއެވެ.

"ވޭތުވެދިޔަ އެއް އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި ކުރިމަތިވި ވޭނާއި މަރު، އަދި އިސްރާއީލު ސަރުކާރުން ފަހުން ދިން ހަމަލާތަކުގެ ސަބަބުން އެމީހުންނާ އެއްވެސް ގުޅުމެއް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން،" ބާސެލޯނާގެ މޭޔަރު ޖައުމެ ކޮލްބޯނީ ކައުންސިލްގެ ޖަލްސާގައި ވިދާޅުވިއެވެ.

މިއީ ބާސެލޯނާއިން އިސްރާއީލާއެކު އޮތް ގުޅުން ހުއްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ. 2023 ގައި، އޭރުގެ މޭޔަރު އަދާ ކޮލައު މިފަދަ ފިޔަވަޅުތަކެއް އެޅުއްވި ނަމަވެސް، ކޮލްބޯނީ ލޯކަލް އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު އެ ފިޔަވަޅުތައް އަނބުރާ ގެންދިޔައީއެވެ.