އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އީސީގެ ރައީސްކަމުގެ މަގާމާއި ނައިބުކަމަށް އައްޔަނު ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވި ދެ ނަން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

Ad
rt

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން، އެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ ރައީސް އަށެވެ.

އީސީގެ ރައީސަކަށް އައްޔަނުކުރަން ފޮނުވި ޒާހިދު ވަނީ މީގެ ކުރީން ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސްކަމާއި، ޖެންޑާ މިނިސްޓްރީގެ ނައިބުކަން ކުރަށްވާފައެވެ.

އީސީގެ ނައިބަކަށް އައްޔަނުކުރަން ފޮނުވި ސޮލާހު ވަނީ އީސީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރަށްވާފައެވެ. އަދި ހޯމް މިނިސްޓްރީގެ ޕީއެސްކަން ވެސް ކުރެއްވިއެވެ.

ޒާހިދާއި، ސޮލާހް އީސީގެ މެމްބަރުކަމަށް ޢައްޔަނުކޮށްފައި ވަނީ 26 ޖެނުއަރީ 2025 ގައެވެ.

އީސީގެ ރައީސްކަމުގައި ކުރިން ހުންނެވީ ފުއާދު ތައުފީގެވެ. ފުއާދު ވަނީ 15 ސެޕްޓެމްބަރު 2021 އިން 23 ނޮވެމްބަރު 2024 އަށް އީސީގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. ކުރިން ވެސް އީސީގެ ރައީސްކަން ކުރެއްވި ފުއާދުގެ އެންމެ ފަހުގެ ދައުރު ހަމަވީ 23 ނޮވެމްބަރު 2025 ގައެވެ. ފުއާދު މިހާރު ވަނީ ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަނުކުރަށްވާފައެވެ.