ޑެންމާކުން ޔުކްރެއިންއަށް އެފް-16 މަރުކާގެ ހަނގުރާމަ މަތީ ޖެޓް މަތިންދާބޯޓުތަކުގެ ދެވަނަ ބެޗް ފޯރުކޮށްދީފި ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ރައީސް ޒެލެންސްކީ މިކަން ހާމަކުރެއްވީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްއަށް ކުރައްވާ ދަތުރުފުޅެއްގައި އިސް ސިޔާސީ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ވަޑައިގަންނަވަމުން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
"ޑެންމާކުން ފޮނުވި އެފް-16 މަތިންދާބޯޓުތަކުގެ ދެވަނަ ބެޗް ޔުކްރެއިންއަށް ލިބިއްޖެ. މިއީ ފުރާނަތައް ސަލާމަތްކުރުމުގައި ޑެންމާކުން ދައްކަމުންދާ ލީޑަރޝިޕްގެ މިސާލެއް،" ރައީސް ޒެލެންސްކީ ހޮނިހިރު ދުވަހު އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓްކުރެއްވި މެސެޖެއްގައި ވިދާޅުވިއެވެ.
މި ޚަބަރު އިއުލާންކުރެއްވީ ޔުކްރެއިންގެ ޒަޕޮރިޒިއާ ސަރަޙައްދުގައި ހުކުރު ދުވަހު ހިނގި ރޫސީ ހަމަލާއެއްގައި މަރުވި 10 މީހުންގެ ހަނދާނުގައި ހިތާމައިގެ ދުވަހެއް ފާހަގަކުރަމުންދާ ވަގުތެއްގައެވެ. އެ ހަމަލާގައި ދެ ކުޑަކުދިން ހިމެނޭ ގޮތަށް 24 މީހުން ޒަޚަމްވިކަމަށް އެ ސަރަޙައްދުގެ ގަވަރނަރ އިވާން ފެޑޮރޮވް ވިދާޅުވިއެވެ.
ހުކުރު ދުވަހު ޔުކްރެއިންގެ ކްރިވީ ރިހް ސިޓީއަށް ދިން ހަމަލާއެއްގައި އިތުރު ތިން މީހުން މަރުވެފައިވާކަމަށް ޔުކްރެއިންގެ ސްޓޭޓް އެމަޖެންސީ ސަރވިސްއިން ބުނެފައިވެއެވެ.
މި ހަމަލާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޒެލެންސްކީ ވިދާޅުވީ، ރޫސީ ރައީސް ވްލަޑިމިރ ޕުޓިން "ހަގީގީ ސުލްޙަ" އެއް ބޭނުންފުޅެއް ނުވާ ކަމަށެވެ. "ޕުޓިން ބޭނުންވަނީ ހަމައެކަނި ކޮންމެ ގައުމަކާމެދުވެސް މިގޮތަށް، ބޮންތަކާއި މިސައިލްތަކާއި އެހެނިހެން އަނިޔާވެރި ގޮތްތަކުން ކަންތައް ކުރުމުގެ ފުރުޞަތު ލިބިގަތުމަށް، މިކަމާ ދެކޮޅަށް ތެދުވެވޭނީ ހަމައެކަނި ބާރުގެ ޒަރީއާއިން. އަދި ހަގީގީ ސުލްޙައެއް ގާއިމްކުރެވޭނީވެސް ހަމައެކަނި ބާރުގެ ޒަރީއާއިން." ޒެލެންސްކީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!