އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރު ކުދިންނަށް އިތުރު ރައްކާތެރިކަމެއް ގެނެސްދިނުމުގެ މަޤްޞަދުގައި "ރީސެޓް" ޓޫލެއް އިންސްޓަގްރާމުން ތަޢާރަފްކޮށްފިއެވެ. ބޭނުންކުރާ ފަރާތްތަކުގެ ފީޑުގައި ހުންނަ އެލްގޮރިދަމް މެދުވެރިކޮށް ހުށަހަޅާ ކޮންޓެންޓްތައް މި ޓޫލް މެދުވެރިކޮށް، ފޮހެލެވޭނެއެވެ. ނަމަވެސް، ވަގުތު ފާއިތުވަމުން ދާއިރު، އަލުން ޕަރސަނަލައިޒްވެގެންދާނެ ކަމަށް އިންސްޓަގްރާމުން ބުނެފައިވެއެވެ.

މި އައު ޓޫލް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ތަޢާރަފުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މި ކަމާ ގުޅޭގޮތުން ޔޫކޭގެ މީޑިއާ ރެގިއުލޭޓަރ އޮފްކޮމްއިން މަރުޙަބާ ކިޔާފައިވާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

Ad
rt

"ގަވާއިދުތައް ތަންފީޒުކުރުމުގެ ކުރިން އިންސްޓަގްރާމުން މި ބަދަލުތައް ގެނައުމަކީ ހިތްވަރުދޭ ކަމެއް، އަދި ކުންފުނިތަކުން އެ ތަންތަނުގެ ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއި ބާރުވެރިކަން އިތުރުކުރުމަށް އަޅުގަނޑުމެން ބާރުއަޅަމުން ގެންދާނަން،" އޮފްކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޒުވާނުން އޮންލައިންކޮށް ރައްކާތެރިކުރުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ހޫނު ބަހުސްތަކެއް ކުރިއަށްދާއިރު، އޮސްޓްރޭލިއާއިން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ހުށަހަޅާފައެވެ.

އިންސްޓަގްރާމްގެ މައި ކުންފުނި މެޓާއިން ބުނެފައިވާ ގޮތުގައި މި އައު ޓޫލް ހުރިހާ ޔޫޒަރުންނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޓީންއޭޖަރުންގެ އެކައުންޓްތައްވެސް ހިމެނެއެވެ. އަދި މަދު ފިޔަވަޅުތަކަކުން ރެކޮމެންޑޭޝަންތައް ރީސެޓްކުރެވޭނެއެވެ.

"އަޅުގަނޑުމެންގެ މަޤްޞަދަކީ އިންސްޓަގްރާމް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ޓީންއޭޖަރުންނަށް، ރައްކާތެރި، ހެޔޮ އަދި އުމުރާ އެކަށީގެންވާ ތަޖުރިބާތަކެއް ލިބި، އިންސްޓަގްރާމްގައި ހޭދަކުރާ ވަގުތަކީ އަގުހުރި ވަގުތުތަކަކަށް ހެދުމެވެ،" މި އިނީޝިއޭޓިވް އިޢުލާންކުރަމުން މެޓާގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވެއެވެ.