ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް، މިއަދު ހުޅުވައިފިއެވެ.

ވީއައިއޭގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުއްވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

މި ފިއުލް ފާމާއެކު ވީއައިއޭގެ ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެއެވެ. އަދި މި މަޝްރޫޢުއާއެކު ވީއައިއޭގެ ތެޔޮ ރައްކާކުރުމުގެ ޤާބިލުކަން ތިން ގުނަ އިތުރުކޮށްދޭނެއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މި މަޝްރޫޢު ފުރިހަމަކޮށްފައި ވަނީ، ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީ އާއިއެކުއެވެ.

މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ 8.4 ކިލޯމީޓަރުގެ ދިގުމިނުގެ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ޤާއިމުކުރުމެވެ. މިއީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ޤާއިމުކޮށްފައިވާ ވިއުގައެކެވެ. މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް މުޅިންވެސް ބޭނުންކުރަމުން އައީ ރިފިއުލަރއެވެ.

އަލަށް ޤާއިމުކުރެވުނު މި ނިޒާމުގެ ސަބަބުން އެއަރ ސައިޓުގައި އުޅަދުތަކުގެ ހަރަކާތްތައް މަދުވެ ސަލާމަތާ ރައްކާތެރިކަން އިތުރުވެ ތެޔޮއެޅުމަށް ހޭދަވާ ވަގުތުވެސް މަދުވެގެން ދިޔުމާއެކު، އަވަސް އަދި ރައްކާތެރިކޮށް މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް، މި ނިޒާމުގެ ސަބަބުން ފަހިވެގެންދާނެއެވެ.

އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ރައީސް ޑރ. މުޢިއްޒު ވީއައިއޭއަށް އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގައިވާގޮތަށް އޮޕްރޭޝަންސް ފުޅާކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން، މަތީ ފަންތީގައި ގުނާލެވޭ އެއާޕޯޓަކަށް މި އެއާޕޯޓް ހެދުމަށްކުރާ ދަތުރު އިތުރަށް ހަލުވިވެ، އޭގެ މަންފާއާ ހެޔޮ އަސަރު ދިވެހި ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.