ބްރެޒިލްގައި އެކްސް ޕްލެޓްފޯމް އަލުން ބޭނުން ކުރަން ފެށުން ލަސްވަމުންދަނީ ޖޫރިމަނާ ފައިސާ ދެއްކުމުގައި ދިމާވި މައްސަލައަކާ ގުޅިގެންކަން ހާމަވެއްޖެއެވެ.
ބްރެޒިލްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ބުނެފައިވަނީ އެކްސް ޕްލެޓްފޯމްގެ ވަކީލުން ޖޫރިމަނާގެ ފައިސާ ދައްކާފައިވަނީ ރަނގަޅު ބޭންކަށް ނޫންކަމަށެވެ. މިކަމާ ގުޅިގެން ބްރެޒިލްގައި އެކްސްގެ ޚިދުމަތް އަލުން ފެށުމާ މެދު ގޮތެއް ނިންމުން ވަނީ ފަސްކޮށްފައެވެ.
އޯގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ބްރެޒިލްގައި އެކްސްގެ ޚިދުމަތް ވަނީ ހުއްޓުވާލާފައެވެ. މިގޮތަށް ޚިދުމަތް ހުއްޓުވާލީ ނަފްރަތުގެ ބަސް ބޭނުންކުރުމާ ގުޅޭ ގޮތުން ކޯޓުން ނެރުނު އަމުރުތަކާ އެއްގޮތަށް ޢަމަލު ނުކުރުމާއި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޤާނޫނީ ބަދަލުވެރިއަކު ޢައްޔަންކޮށްފައި ނުވުމާ ގުޅިގެންނެވެ.
އެކްސްގެ ވަކީލުން ބުނެފައިވަނީ ކުންފުނިން ޖޫރިމަނާގެ ފައިސާ ދައްކާފައިވަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލެކްސާންޑްރޭ ޑި މޮރާއިސް ވަނީ މި ފައިސާ ރަނގަޅު ބޭންކަށް ޖަމާކުރުމަށް އަންގާފައެވެ. އަދި ފައިސާގެ މައްސަލަ ހައްލުވުމުން، ބްރެޒިލްގެ ޕްރޮސެކިއުޓަރ ޖެނެރަލް މިކަމާ މެދު ލަފާ ދޭންޖެހޭނެ ކަމަށްވެސް އޭނާ ވަނީ ނިންމާފައެވެ.
އެކްސްގެ ވެރިފަރާތް ކަމުގައިވާ އީލޮން މަސްކް ވަނީ ބްރެޒިލްގައި އެކްސްގެ ޚިދުމަތް އަލުން ފެށުމަށް އެދި އިތުރު ހުށަހެޅުމެއް ހުށަހަޅާފައެވެ. ނަމަވެސް މި މައްސަލައިގައި ފަނޑިޔާރު މޮރާއިސް ނިންމި ނިންމުމާ ގުޅިގެން، އެކްސްގެ ވަކީލުން ވަނީ އަލުން ކޯޓަށް ހުށަހަޅާފައެވެ. އެކްސްގެ ވަކީލުން ބުނެފައިވަނީ ކުންފުނިން ޖޫރިމަނާގެ ފައިސާ ދައްކާފައިވަނީ ރަނގަޅު އެކައުންޓަށް ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާ ހޯދުމުގެ ކުރިން ޚިދުމަތް އަލުން ފެށުމަށް ހުއްދަ ދިނުމަށެވެ.
ބްރެޒިލަކީ އެކްސްގެ އެންމެ މުހިންމު އަދި އެންމެ ބޮޑު މާކެޓްތަކުގެ ތެރެއިން އެއް މާކެޓެވެ. އެކްސްގެ ވަކީލުން ބުނާ ގޮތުގައި ކުންފުނިން ވަނީ 28.6 މިލިއަން ރެއިސް (5.24 މިލިއަން ޑޮލަރު) ޖޫރިމަނާގެ ގޮތުގައި ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!