މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 6-0 ގެ ނަތީޖާއަކުން ކަމަށާއި އެއީ ރައްޔިތުންގެ %60 ވޯޓު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ފައިނަލް މެޗެއްގެ ފުރަތަމަ ހާފް ކަމަށާއި ފަހު ހާފްގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ކުޅެން އަރައި ގޯލްތައް ޖަހައި މޮޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނިކޮށެވެ.
ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު، އިދިކޮޅުން ކުރީގައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ ފަހު ހާފްގައި ބަދަލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރ. ވާދު އަށް ވަޑައިގެން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ހިސާބު ޖައްސަވަނީ ސިޔާސީ މަސްރަހު ދިރާސާކޮށް ބަލައި، ރައްޔިތުންގެ ފިކުރު ހުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހިސާބު ދިމާވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ދަންނަަނީ، ތިޔަބޭފުޅުން ބައްލަވަން ތިއްބަވާ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ 6-0 އިން. 6-0 އޭ ބުނީމަ ހިސާބު އޮޅުވާލަފާނެ، އެހެންވީމަ ކޮން އެއްޗެއްތޯ ވާނީ؟ 60." އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ސޯލިހް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ދެވަނަ ހާފްގައި ކުޅެން އަރާނީ ވަރަށް ބޮޑަށް ރާވާލައިގެން ކަމަށާއި ފަހު ހާފްގައި އިދިކޮޅުން ޖެހި ލަނޑުތަކާ އަރާ ހަމަކޮށް އިތުރު ދެ ލަނޑު ޖަހާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދެވަނަ ހާފް ނިންމާލާނީ އިދިކޮޅުން 5-3 އިން ބަލިކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެވަނަ ހާފްގައި އަޅުގަނޑުމެން އެ ވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހައި ފަސް ލަނޑުން މި މެޗު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!