ހުރިހާ މާނައެއްގައި ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ހިޔާލުތައް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ، "ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ރޭ ބޭއްވި ޖަލްސާގައި ދެއްވި މެސެޖެއްގައެވެ.
ޖޭޕީގެ މައި ޖަގަހަ، ކުނޫޒްގައި ރޭ ބޭއްވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވީ އިރާއި މިހާރާއި އަޅާކިޔައި ވަޒަން ކޮށްލެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުން ޤާސިމް ވިދާޅުވީ، މިނިވަންކަމުގެ ބަތަލުގެ ފަހަށް ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލު އެންމެ ފުރިހަމައަށް ދެމެހެއްޓިފައިވޭތޯ ރައްޔިތުން ސުވާލުކުރާ ކަމަށެވެ.
''ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ހިޔާލުތައް. ތަފާތު މާނައިގައި." ޤާސިމް ވިދާޅުވެފަވެއެވެ.
ޤާސިމްގެ ވާހަކާގައި ވަނީ ރާއްޖެއަށް މިނިވަންކަން ލިބިދިންއިރު އެ މަސައްކަތުގައި އިސްކޮށް ހުންނެވި އޭރުގެ ރާއްޖޭގެ ވަޒީރުލްއަޢުޡަމްގެ މަޤާމުގައި ހުންނެވި އިބްރާޙީމް ނާސިރުގެ މަސައްކަތްޕުޅު ފާހަގަ ކުރައްވައި، އެމަނިކުފާނާއި އެ މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ނާސިރު ރާއްޖެ މިނިވަންކުރެއްވި އިރު އޮތް ހާލަތާއި މިހާރު އޮތް ހާލަތާ އެތައް ގޮތަކުން ތަފާތު ކަމަށާއި، އެދުވަހު އެމަނިކުފާނު ހޯއްދަވާދެއްވި މިނިވަންކަން ދިވެހި ދިވެހި ވެރިންގެ ކިބައިން ފިލައިގެންދިޔަކަމީ ހިތާމައިގެ ކޮޅެއްނެތްކަމެއް ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
''ރައީސް މައުމޫނުގެ ޒަަމާނުގައި ހާރިޖީ ވަކި ސިޔާސަތަކަށް ބުރަނުވެ މިނިވަންކަމާއެކު ހިންގި. އެކަމަށް އެމަނިކުފާނަށް ޝުކުރު ހައްގު.'' ޤާސިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!