ތިލަންދުންމަތީ އުތުރުބުރި ހޯރަފުއްޓަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީއަށް ރައްޔިތުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ސެލިއުޓް ކުރާ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސާލިހު، ހއ. އަތޮޅުގެ ބައެއް ރަަށްރަށް މިހާރު ކުރައްވަމުން ގެންދަވާ ފަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ވައްޑޭ ވިދާޅުވީ މުޅި ރާއްޖެއަށް ވެސް ހަގީގީ ތަރައްގީ ގެނެސްދެއްވަނީ ރައީސް ސާލިހު ކަމަށާއި މިވަރުގެ ހެޔޮ ވެރިކަމެއް މިހާތަނަށް ދެކެފައިނުވާ ކަމަށެވެ. އަދި ހޯރަފުއްޓަށް އަދިވެސް ތަރައްގީ ބޭނުންވާ ކަމަށާއި އެކަން ކުރެވޭނެ ހަމައެކަނި ވެރިއަކީ ވެސް ސާލިހު ކަމަށެވެ.

މީގެ އިތުރުން ސާލިހުގެ ވެރިކަމުގައި އެރަށުގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފައްދާފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ފުދުންތެރި އުފާވެރި، ދިރިއުޅުމެއް ހޯދައިދިނުމުގެ "މަގު" މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވަނީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓު ކަމަށްވާ، ހޯރަފުށީ އެއާޕޯޓުގައި މިހާރު ނައިޓްލައިޓް ހަރުކޮށްފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި އެ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ހއ. އަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.