ލިޔުންތެރިންނަކީ އަންނަން އޮތް ޖީލަށް ޤައުމު ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އޭނާ ވިދާޅުވީ ލިޔުންތެރިން ލިޔުއްވާ ލިޔުންތައް ލިޔުންވަން ވާނީ ފިތުނަޔާއި ހަސަދަވެރިކަމުން އެއްކިބާވެތިބެ، ތެތުވެރިކަމާއި އެކުގައި ކަމަށެއެވެ. އަދި ވަކި އަތަކަށް ބުރަނުވާގޮތަށް ޒާތީ ނުވާނެ ފަދަގޮތަކަށް ކަމަށެވެ.

Ad
rt

މިއީ ފައްނިއްޔާތުގެ ތަނަވަސް ޒަމާނެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ޗާޕުކޮށްގެން ނެރޭ ނޫހާއި މަޖައްލާގެ އަދަދު މަދުނަމަވެސް އޮންލައިންގެ ހޮޅުއަށިތަކުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުންހިފާ ފަރާތްތައް ގިނަކަމަށެވެ. އަދި ނޫސްތަކާއި މަޖައްލާތާކައި އަމިއްލަ ބްލޮގުތަކާއި ބޮޑެތި ވެބްސައިޓްތައް ވަރަށް ގިނަ ކަމަށެވެ.

މީގެ އިތުރުން އަމިއްލަ ފޯން މެދުވެރިކޮށް މިއިން ކޮންމެ ވަސީލައްތެއްގައި ހުންނަ ލިޔުންތަކަށް ފަސޭހަކަމާއެކު ވާސިލްވެވޭ ކަމަށާއި އިތުރު ބުރައެއް އުފުލަން ނުޖެހި ލިޔުންތައް ކިޔާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިފައިވާކަން ފާހަގަކުރެއްވިއެވެ.

ދިވެހި ބަހާއި ގައުމަށްޓަކައި ބަހުގެ ހަމަތަކާއި އެއްގޮތަށް ލިޔުންތައް ލިޔުންވުމަށް އިލްތިމާސް ކުރައްވައި އަޝްރަފް އިތުރަށް ވަނީ ލިޔުންތެރިންގެ ކިބައިން ފަހަކަށް އައިސް ފެންނަ ނުރަނގަޅު ސިފެއްގެ ވާހަކަ ވެސް ފާހަގަކުރައްވާފައެވެ.

އެގޮތުން ބައެއް ލިޔުންތެރިންގެ ވިސްނުންފުޅު ހުންނަގޮތުން ދިވެހި ބަހާއި ބީރެއްޓެހި ދިވެހި ބަހުގެ ޒަމާންވީ ހަމަތަކަށް ނުފެތޭ އިބާރަތްތަކާއި ލިޔުންތައް ގިނަވަމުންދާ ކަމަށާއި ބަހުގެ އުސްތާޛުން ޒަމާނުންސުރެއް ގެންގުޅުއްވަމުން ގެންދެވި ބަހުގެ ރީތި ހަމަތައް ދޫކޮށްލައި އަމިއްލަ ވަންތަކަން އިހްތިޔާރުކުރަމުން ދާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 8 ވަނަ ދުވަހަކީ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަސް ކަމަށްވާތީއެވެ. "އަލްއިޞްލާޙް" ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ އަދަދު ނެރެފައިވަނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.

މިއީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިން ނެރެންފެށި މަޖައްލާއެކެވެ.

މިފަދަ ދުވެހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ލިޔުންތެރިންގެ ހިދުމަތް ގައުމީ ފެންވަރެއްގައި ފާހަގަކޮށް، މި ފަންނު ދިރުވައި އާލާކުރުމަށް ބާރުއަޅާ ހިތްވަރު ދިނުމެވެ.

މިއަހަރުގެ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވަނީ "މުޖުތަމަޢުގެ މަސްލަހަތު - ލިޔުންތެރީންގެ މަސްއޫލިއްޔަތު" އެވެ.