"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން މިއަދު ޢާންމު ކުރައްވައިފިއެވެ.
މި ވަގުތީ ލިސްޓް މިހާރު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައިކަމަށް ސަރުކާރުން މިއަދު ވަނީ ވިދާޅުވެފައެވެ.
ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ.
މިއަދު އާންމުކުރެއްވި ވަގުތީ ލިސްޓުގައި 10،314 މީހުންގެ ނަން ހިމެނޭއިރު، އެ ލިސްޓުގައި ނުހިމެނޭ ނަމަވެސް ޝަރުތު ހަމަވާ 9،500އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކުރައްވާފައެވެ.
ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވިގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!