ށ. ފޭދޫ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނުނިމި ދިގުލާތީ އެ މަސައްކަތް އަވަސްކޮށް ދިނުމަށް ފޭދޫ ކައުންސިލްގެ އަހްމަދު ރައިޝަމް ސަރުކާރަށް ގޮވާލައިފިއެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އެރަށު ރައިޝަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޭދޫއަކީ ސްކޫލްގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު ރަށެއް ކަމަށެވެ. އަދި މި ސަރުކާރުން އެރަށުގައި އަޅަންފެށި 8 ކުލާސް ރޫމް އާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އަވަސް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށް އޭނާ ވިދާޅުވެފަވެއެވެ.
މިކަމާއި ގުޅިގެން ރައިސަމް ''ތިލަދުން'' އަށް ވިދާޅުވީ، ފޭދޫ ސްކޫލަށް އިތުރުކުރާ 8 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލްގެ މަސައްކަތަކީ މިދިޔަ އަހަރު ހަވާލުކުރި މަސައްކަތެއް ކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަކީ އެފަދަ ކަމެއް ކުރުމުގެ ގާބިލުކަން ހުރި ބައެއް ނޫން ކަމަށެވެ.
"އެ މަސައްކަތް އެމީހުންނާ ހަވާލުކުރީ 365 ދުވަސް ތެރޭގަ ނިންމަން. އެކަމަކު އަހަރެއްވީ އިރު ޖެހުނީ އެންމެ 8 ތަނބު. ދެން އެޅުނީ ފައުންޑޭޝަން. އެ މަސައްކަތް ލަސްވާތީ ބެލެނިވެރިން ކެނޑިނޭޅި ދަނީ ޝަކުވާ ކުރަމުން. އެ ޝަކުވާތައް އަޑުއަހަން މިތީ އަޅުގަނޑުމެން." ރައިޝަމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެރަށުގެ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއް ކަމަށާއި އެހެންކަމުން އެ ސްކޫލަށް 8 ކްލާސް ރޫމް އިތުރުކޮށް، މަލްޓިޕާޕަސް ހޯލަކާއެކު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާތާ އަހަރަކާއި ގާތްވިއިރު ވެސް އެދެވޭ މަސައްކަތެއް ނުކުރެވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
އެރަށުގެ ސްކޫލަކީ މިހާރު 7 ކިލާސް ރޫމް އެކުލެވޭ ސްކޫލެއް ކަމަށާއި އެ ސްކޫލްގައި ގްރޭޑް 10 އަކާއި ހަމައަށް، ޖުމްލަ 224 ދަރިވަރުން އުނގެނެމުންދާކަން ފާހަގަ ކުރައްވައި، ރައިޝަމް ވިދާޅުވީ، ސްކޫލްގެ ޖާގައިގެ ދަތިކަމާހުރެ ދެ ދަންފަޅިއަށް ބަހައިގެން މެނޭޖް ނުކުރެވޭ ކަމަށެވެ.
'' އެ މަސައްކަތް އެދެވޭ ގޮތެއްގައި ނުހިނގާތީ ބެލެނިވެރިން ވަރަށް ޝަކުވާ ކުރޭ، އަޅުގަނޑުމެން މިތިބެނީ އެ ޝަކުވާ އަޑުއިވޭ ހިސާބުގައި، މިކަމުގައި އެޑިޔުކޭޝަން މިނިސްޓްރީގައި ވެސް އާދޭސް ކުރެވިއްޖެ، އެ މަސައްކަތް ހަވާލުކުރިތާ މި އަންނަ ޑިސެމްބަރަށް ދެ އަހަރުވާނެ،'' ރައިޝަމް ވިދާޅުވިއެވެ.
އެ މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފެއް ވެސް މިވަގުތު އެރަށުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!