ތައުލީމީ ދާއިރާގެ ގިނަ ކަންކަން ގާނޫނުގެ ތެރެއަށް ލުމަށް "ތައުލީމުގެ ބިލު" މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު އެވެ. މުމްތާޒް ހުށަހެޅި މި ބިލްގެ ދަށުން ރެޖިސްޓްރީކޮށް ލައިސަންސް ހޯދުމަކާ ނުލައި ޓީޗަރުންނަށް ކިޔަވައި ނުދެވޭނެ ގޮތް ވަނީ ހަދާފައެވެ.

Ad
rt

ތައުލީމުގެ ބިލުގައި ކިޔަވައިދޭ ތަންތަނާއި ޓީޗަރުން ރެޖިސްޓްރީ ކުރުމަށް ލާޒިމުކޮށްފައިވާއިރު ތައުލީމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރުމަކާ ނުލައި ރާއްޖޭގައި ހިންގާ އެއްވެސް ސުކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެގޮތަށް ރެޖިސްޓްރީކޮށްފައިވާ ފަރާތަކަށް މެނުވީ ޓީޗަރުކަމުގެ ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ލައިސަންސަކާ ނުލާ ކިޔަވައިނުދެވޭނެ ތަންތަން ކަނޑައަޅާފައިވާ އިރު ރާއްޖޭގައި ހިންގާ ސަރުކާރު ސުކޫލްތަކާއި އަމިއްލަ ސުކޫލުތަކާއި، ނާސަރީ އަދި ބޭބީ ނާސަރީ އާއި ޕްރީސުކޫލުތަކުގެ އިތުރުން ޓިއުޝަން ސެންޓަރުތަކާއި ޓިއުޝަން ކްލާސްތައް ހިމެނެ އެވެ.

ސުކޫލުތައް ފިޔަވައި އެ ނޫން ކިޔަވައިދޭ ތަންތަން ދިވެހިރާއްޖޭގައި ހިންގަން ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ރެޖިސްޓްރީ ކުރެވިގެން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ރެޖިސްޓްރީކޮށްދޭ ތަންތަނުގައި ހުންނަން ޖެހޭނެ ޝަރުތަކެއްވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. މީގެ އިތުރުން ތައުލީމުގެ ބިލު ފާސްވެ ގާނޫނަށްކަށްވެސް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މިހާރު ކިޔަވައިދޭ ތަންތަންވެސް ގާނޫނާ އެއްގޮތަށް ރެޖިސްޓްރީކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މަޖިލީހަށް ހުށހެޅި ތައުލީމުގެ ބިލުގައި ޓީޗަރުންނާއި ބެލެނިވެރިން އަދި ކުދިންނަށް ލާޒިމުވާ ކަންކަން ވަނީ ހިމަނާފަ އެވެ. އެގޮތުން ކުދިން ސުކޫލަށް ފޮނުވުން ބެލެނިވެރިންގެ މައްޗަށް ލާޒިމުކޮށްފައިވާއިރު، ކުދިން ސުކޫލަށް ދޭތޯ ބެލުމަކީ ސުކޫލުތަކާއި ޓީޗަރުންގެ ޒިންމާއެއް ކަމަށް ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެއްކަމަށާއި އަދި މަޖުބޫރު ތައުލީމު ލާޒިމުވާ ކޮންމެ ކުއްޖަކަށް ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީ ސުކޫލު ތައުލީމުން ފެށިގެން ސާނަވީ ތައުލީމާ ހަމައަށް ކިޔަވަން ސުކޫލަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މަގުބޫލު އުޒުރެއް އޮވެގެން މެނުވީ މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުފުރާގެ ކުދިން ގަވައިދުން ސުކޫލަށް ދާން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފައިވާއިރު މަގުބޫލު އުޒުރުގެ ތެރޭގައި ހިމެނެނީ ބަލިހާލަތު ހުރިގޮތުން ސުކޫލަށް ހާޒިރުވެވެން ނެތުމާއި ސަސްޕެންޑް ކުރުމުގެ ސަބަބުން ސުކޫލަށް ހާޒިރު ނުވެވުމާއި، އިތުރު ކަންކަން ހިމެނެ އެވެ.

ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ބޭއްވި 19 ވަނަ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައި ވަނީ އިއްވާފަ އެވެ. މި ބިލުގެ މަސައްކަތް ދެން ކުރިއަށް ދާނީ 19 ވަނަ މަޖިލީހުގެ ތިންވަނަ ދައުރު ފެށުމުންނެވެ.