ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާއަށް ކުރަށްވާ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާއިރު ވަޑައިގަންނަވާނީ ސިޔާސީ ވިސްނުފުޅު ބަދަލު ކުރައްވައިގެންކަމަށް ދޭހަވާ މޭރުމަކުން ރައީސް އޮފީހު މިނިސްޓަރު އަހްމަދު ސަމީރު ވާހަކަ ދައްކަވައިފިއެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ 20) ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ނަޝީދު ފެއްޓެވީ 13 އޭޕްރިލްގައެވެ.
ވަކި ނަމެއް ވިދާޅުނުވި ނަމަވެސް އެ އިޝާރާތް ކުރައްވަނީ އެމްޑީޕީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ނަޝީދަށްކަން ދޭހަކޮށްދޭ މޭރުމަކުން ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަތުމުގައި މަޑުކޮށްލާ މަންޒިލް ތަކަށް މަޑުކޮށްލުމަށް ފަހު ރާއްޖެ ވަޑައިގަންނަވާ އިރު ހުންނަވާނީ ފިކުރަށް ބޮޑެތި ބަދަލުތަކެއް އަހިސްކަމަށްވުމީ ނުހަނު ގާތްކަމެއް ކަމަށެވެ. އަދި އުފާވެރި ދިރުމަކަށް ފިކުރު ބަދަލުވުމަކީ ހެޔޮ ބަދަލެއް ކަމަށް ވެސް ވިދާޅުވިއެވެ.
ހޯމް މިނިސްޓްރު އިމްރާން އަބުދުﷲ ޓެގް ކުރައްވާފައިވާ ސަމީރުގެ ޓްވީޓްގައި ނަޝީދު މަޑުކޮށްލައްވާ މަންޒިލްތަކެއްގެ ވާހަކަ ވިދާޅުވެފައިވާއިރު، އެއީ އިންޑިއާކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް ނަޝީދު އިތުރު ޤައުމަކަށް ވަޑައިގެންނެވިކަން މިހާތަނަށް ރަސްމީކޮށް އިނގިފައެއް ނުވެއެވެ.
އެމެރިކާގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަތުމުގައި މަޑުކޮށްލާ މަންޒިލް ތަކަށް މަޑުކޮށްލުމަށް ފަހު ރާއްޖެ ވަޑައިގަންނަވާ އިރު ހުންނަވާނީ ފިކުރަށް ބޮޑެތި ބަދަލުތަކެއް އަހިސްކަމަށްވުމީ ނުހަނު ގާތްކަމެއް، އަދި އުފާވެރި ދިރުމަކަށް ފިކުރު ބަދަލުވުމަކީ ހެޔޮ ބަދަލެއް.@ShimranAb
— Ahmed Sameer (@meeraazu) April 18, 2023
ނަޝީދު އެމެރިކާއަށް ކުރަށްވާ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާއިރު ވަޑައިގަންނަވާނީ ސިޔާސީ ވިސްނުފުޅު ބަދަލު ކުރައްވައިގެންކަމަށް ދޭހަވާ މޭރުމަކުން ސަމީރު ވާހަކަ ދެއްކެވިއިރު ރައީސް ނަޝީދު މިހާތަނަށް ހުންނެވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދެއްވުމަށް މަސައްކަތްޕުޅު ނުކުރައްވާގޮތައް ނިންމަވައިގެންނެވެ. އަދި ނަޝީދު އިސްވެ ހުންނަވާ ސިޔާސީ ހަރަކާތް ހިންގަވާ ފެކްޝަނުން އަންނަ ރިޔާސީ އިންތިޚާބުގައި ތާއީދު ކުރާނީ އެހެން ކެންޑިޑޭޓަކަށް ދޭހަވާގޮތައް އެ ފެކްޝަނުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!