މިއަދު އަޅުގަޑުގެ ހަނދާނަށް އަންނަނީ ކުރީގެ ތަޖުރިބާއެކެވެ. ރައްޓެހިންތަކަކާއެކު އަޅުގަޑު އިނީ ވަރަށް މަޝްހޫރު ބޮޑު ރެސްޓޯރަންޓެއްގައި އަސްރުގެ ފަހުގެ ސަޔަށް އިންތިޒާރު ކުރާށެވެ.

އޭގެ ތެރެއިން އެއްރައްޓެއްސަކު އަޅުގަޑުމެން ތިބި މޭޒުކައިރިއަށް އައި ވެއިޓަރު ފައިއަޅާގޮތާއި ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ. ދެންވެސް، އެތަނަށް ވަދެ ނިކުމެވާ މީހުންނާއި އެތަނުގައި އުޅޭ މީހުންގެ ސިފަޔާއި ބުރުސޫރައަށް އަދި ތިބޭގޮތަށް ފާޑުކިޔާ ހެދިއެވެ. މިއީ ވަަރަށް ގިނައިން އަޅުގަޑަށް ކުރެވޭ ތަޖުރިބާއެކެވެ.

Ad
rt

މީހުންގެ ސިފަޔަށް ނުވަތަ ބުރުސޫރައަށް ނުވަތަ ހުންނަ ނުކުޅެދުންތެރިކަމަކަށް ނުވަތަ އައިބުތަކަށް ފާޑުކިޔުމަކީ އަޅުގަޑުމެންގެ މުޖުތަމައުގައި ވަރަށްބޮޑަށް ހަރުލާފައިވާ އާދައެކެވެ. އަޅުގަޑުމެންގެ ކުރިއަށް އޮތްޖީލަކީ މިނުބައި އާދައިން އެކަހެރި ވެފައިވާ ޖީލަކަށް ހެދުމަށް، ގިނަގުނަ މަސައްކަތްތަކެއް މިއަދު މިވަނީ ކުރަންޖެހިފައެވެ.

މިމަސައްކަތްކޮށް، އިންސާނުންނަކީ ތަފާތު ސިފަތަކާއި ވިސްނުމާއި ފިކުރާއި އެކު މާތްﷲަ ދުނިޔެއަށް ފޮނުވާފައި ތިބި ބައެއްކަމާއި، އަޅުގަޑުމެން ގަބޫލުކުރާގޮތުގައި އައިބު ނުވަތަ ފުރިހަމަނޫން ނުވަތަ އަޅުގަޑުމެންނާއި އެއްބަސްނުވާ ކޮންމެ މީހަކީ ނުވަތަ ބަޔަކީ މަލާމާތާއި ފުރައްސާރަކޮށް، އަޅުގަޑުމެން ނަފްރަތު ކުރަންޖެހޭ ބައަކަށްވާންޖެހޭކަން އަޅުގަޑުމެންގެ ކުދިންނަށް ދަސްކޮށްނުދެވިއްޖެނަމަ، ތަހުޒީބު މުޖުތަމައެއް ބިނައެއް ނުކުރެވޭނެއެވެ.

މީހާ ފުރިހަމަވަނީ މީހާގެ ތަގުވާވެރިކަމުންނެވެ. އެހެންކަމުގައިވާއިރު، ކުދިންނަށް އަޅުގަޑުމެން ދަސްކޮށްދޭންވީ އެސިފައެވެ. ކުދިން ދަސްކުރަނީ އެކުދިންގެ ވަށައިގެން ހިނގާ ކަންތައްތަކާއި އެކުދިން ކުރާ ތަޖުރިބާއިންނެވެ.

އިންސާނުން ދުނިޔޭގައި ދިރިއުޅޭ މަރުހަލާއަކީ އިމްތިހާނެކެވެ. އެމީހަކު ކުރި އަމަލެއްގެ ޖަޒާ އެމީހަކަށް ﷲ ދެއްވާނެތެވެ. ހައްގު ޖަޒާއެވެ. އެއީ ﷲ ގެ ހައްގެކެވެ. އެކަލާނގެއަށް އަޅުގަޑުމެން އެކެއްގެ ވެސް އެެހީތެރިކަމެއް މަދަދެއް ބޭނުންވެވޮޑިއެއް ނުގަންނަވައެވެ. އެއީ ޞަމަދުވަންތަ ރަސްކަލާނގެއެވެ.

ތިމާމީހާ ސުވަރުގެއަށްދާން އެހެންމީހުންގެ މައްޗަށް ހުކުމް ކުރުމެއް ނެތެވެ. އެއީ ހާކިމުގެ މައްޗަށް އޮތްކަމެކެވެ. އަޅުގަޑުމެންގެ ދަރިންނަކީ ހެޔޮލަފާ، ތަފާތުތައް ބަލައިގަންނަ، ތަފާތުތަކަށް އިހްތިރާާމްކުރާ ބަޔަކަށްވާނީ، އަޅުގަޑުމެން އެ ނަމޫނާ ދައްކައިގެންނެވެ.

ދިރިއުޅެ ދިރިއުޅުނަދެމާ ހިނގާށެވެ. ދަރިންނަށްވެސް އެގޮތް ދަސްކޮށްދެމާ ހިނގާށެވެ. އިންސާނާއަކީ ﷲގެ ޖައްލާދެއް ނޫނެވެ. ﷲށް އެކަމެއް ބޭނުންވެވޮޑިގެން ނުވެއެވެ.