ހުޅުލާމޭ ފޭސް 2 ގައި ހުޅުމާލޭ ހޮސްޕިޓަލުގެ ކުލިނިކެއް ހުޅުވަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ އެޗް 16 ގައި ހުންނަ މި ކުލިނިކު މާދަމާ ހުޅުވާނެ ކަމަށެވެ.
އެ ސަރަހައްދުގައި ކްލިނިކެއް ހުޅުވުމަށް ނިންމީ، ހުޅުމާލޭގެ އާބާދީ އިތުރުވުމާއެކު އެ ހޮސްޕިޓަލުން ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވި އެވެ.
ފާއިތުވެދިޔަ ދެ ހަފުތާގެ ތެރޭގައި، ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށް އަންނަ މީހުން އިތުރުވެފައިވާ ކަމަށާއި މި ކުލިނިކުގެ ސަބަބުން އެ ހޮސްޕިޓަލަށް ހިދުމަތް ދިނުމުގައި ދިމާވަމުން އަންނަ ދަތިތަކަށް ލުޔެއް ލިބިގެންދާނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވި އެވެ.
މީގެ އިތުރުން ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށް ދިމާވާ ދަތިތަކަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނޭ ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވި އެވެ.
މި ކުލިނިކުން ފަރުވާދޭނީ އާންމު ބަލިތަކަށް ކަމަށާއި އެހެންނަމަވެސް ވަކި ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތަކަށް މި ކުލިނިކު މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ އިންތިޒާމުތައް ވެސް ހަމަޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމާއި، އެސްޓީއޯގެ ފާމަސީއެއް ހުންނާކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެތަނުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި އެހެނިހެން ބައެއް ހިދުމަތްތައް ވެސް އެތަނުގައި ފަށާނެކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވި އެވެ.
މި ކުލިނިކު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 05:00 އަށްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!