މަސްތުވާތަކެއްޗާއި 9 ލައްކަ ރުފިޔާއާއެކު 17 މީހަކު ހައްޔަރުކޮށްފި އެވެ.
މިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި، 9 ލައްކައަށްވުރެ ގިނަ ރުފިޔާއާއިއެކު ސަތާރަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 10 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން މި އޮޕަރޭޝަންގައި 6.8 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި 933,430 ރުފިޔާ ހޯދާފައިވާ ކަަމަށް ވެސް ސީޕީ ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ހިންގާ ކަންކަން ހުއްޓުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ދަށުން މި މަހުގެ ކުރީކޮޅުވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފަ އެވެ.
މި ފަހަކަށް އައިސް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިނގަމުން އަންނަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންދާކަން ފާހަގަކޮށްލެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!