އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލިއިރު، މެންޗެސްޓާ ޔުނައިޓެޑް އެސްޓަން ވިލާ އަތުން ބަލިވެއްޖެއެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލް ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ޗެލްސީގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް އާސެނަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައި ވަނީ ވެސް އެންމެ ހަމަލާއެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގައިނުވާއިރު، މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ގެބްރިއަލް މާޓިނޭލީއެވެ.
މި މެޗަކީ އާސެނަލްގެ ކޯޗް އާޓޭޓާއަށް ހާއްސަ މެޗެކެވެ. އާސެނަލްއަށް އާޓޭޓާ 150 މެޗު ކުޅެދީފައިވާއިރު، މިރޭގެ މެޗަކީ އޭނާ އާސެނަލްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި 150 ވަނަ މެޗެވެ.
މިރޭ މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެސްޓަން ވިލާއެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ވިލާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި ރަމްސޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެއޮން ބެއިލީއެވެ. ވިލާއިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗުގެ 11 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ލޫކަސް ޑީނޭ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރ ލޫކަ ޝޯ ފޮނުވާލި ބާރު ހަމަލާ ވިލާގެ ގޯލަށް ވަދެފައި ވަނީ އެ ޓީމްގެ މިޑްފީލްޑަރ ރަމްސޭ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓްތެރޭ ވިލާއިން ވަނީ އުފެއްދި ކައުންޓަ އެޓޭކެއްގައި ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު ވަޓްކިންސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަމްސޭއެވެ. މެޗުގެ ދެވަނަ ހާފުގައި ވިލާގެ ޑިފެންސުން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. މުޅި އެ ހާފުގައި ވެސް ޔުނައިޓެޑަށް ލަނޑުޖަހާނެ ފުރުޞަތެއް ވިލާގެ ޑިފެންސް ތެރެއިން ތަނަވަސް ކުރެވިފައި ނުވެއެވެ.
މި ސީޒަންގައި ރަނގަޅު ފޯމެއްގައި އޮތް ނިއުކާސަލުން ވަނީ މިރޭ ކުޅުނު މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފައެވެ. ސައުތެމްޓަންގެ ދަނޑުގައި ނިއުކާސަލުން ވަނީ 4-1 ގެ ނެތީޖާއިން އެ ޓީމް ބަލިކޮށްފައެވެ.
މި ނަތީޖާތަކާއިއެކު އާސެނަލް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. އެ ޓީމަށް 13 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތީ ސިޓީއެވެ. ސިޓީއަށް 13 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ. ތާވަލުގެ ތިންވަނާގައި ނިއުކާސަލް އޮތީ ކުޅުނު 14 މެޗުން ލިބުނު 27 ޕޮއިންޓާއި އެކުގައެވެ. ވިލާ އަތުން ބަލިވި ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ 5 ވަނާގައެވެ. ޗެލްސީ އޮތީ 7 ވަނާގައެވެ. އެސްޓަން ވިލާ އޮތީ 13 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!