ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022" ގައި އިއްޔެ ކުޅުނު މެޗުތައް ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބާއި ޓީމް މާރަންދޫން ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބާއި އިހަވަންދޫ އިމަގެވެ. މި މެޗު 7-15 އިން ކާމިޔާބު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަމްބަރު 77، މަރިޔަމް މާޔާއެވެ.

އިއްޔެ ހަވީރު ކުޅުން ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް މާރަންދޫއާއި ހޯރަފުށީ އެއާޕޯޓް ޓީމެވެ. މި މެޗު 13-17 އިން ކާމިޔާބު ކޮށްފައި ވަނީ މާރަންދޫ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާރަންދޫ ޓީމްގެ ޖޯޒީ ނަމްބަރު 8، ރިޝްތާއެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފްރިގޭޓާއާއި މާރަންދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ހޯރަފުށީ އެއާޕޯޓް ޓީމައި ބާވީސް ސްޕޯޓްސް ކުލަބެވެ.
މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އާރުވީ ސްޕޯޓްސް އެކަޑަމީ ރަޖިސްޓަރީ ކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ އެކަޑަމީގައި މިހާރު ވެސް ދެ އުމުރުފުރާއެއްގައި 100 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގެ ތަމްރީންތައް ހަދަމުންނެވެ. އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ހިންގާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަދުވަސް ވެފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އޮންލައިން ނިއުސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!