ޗެންނާއީގައި ހުންނަ އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕާސިންގ އައުޓް ޕެރޭޑްގެ ރިވިއުވިންގ އޮފިސަރެއްގެ ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ބައިވެރިވެ ވަޑައިގެން އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، މިހާރު އުޅުއްވަނީ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފްގެ ދައުވަތަކަށް އެ ޤައުމަށް ވަޑައިގެންނެވެ.

Ad
rt

މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕަރަމެސްވަރަން ޑްރިލް ސްކެއަރގައެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ އެކެޑެމީން އަލަށް އޮފިސަރުންގެ ގޮތުގައި ދަސްވެނިވާ ކެޑޭޓުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މުސްތަޤުބަލަށް މިއަދު ބިނާކުރެވޭ އާ ޖީލުގެ އޮފިސަރުންނަށް މުޅިން ތަފާތު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެގޮތުން އެ ކަންކަމަށް ހޭލުންތެރިވެ ތިބުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން އޮފިސަރުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑަކީ އެންމެ އިސްކަން ދޭންޖެހޭނެ ކަންކަންކަމުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ ދިވެހި ދެ އަންހެން ސިފައިން ވެސް ވަނީ އޮފިސަރ ޓްރެއިނިންގ ފުރިހަމަ ކުރައްވާފައިވާކަމަށް ދިވެހި އަސްކަރިއްޔާއިން މަޢުލޫމާތުދިނެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެ ދެ ސިފައިންގެ ބޭކަނބަލުންނާއި އެ ކަނބަލުންގެ ޢާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގައި މިހާރު ތަމްރީނު ހާސިލުކުރަމުންދާ ދިވެހި ކެޑޭޓުންނާ ވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައްދަލުކުރައްވާފައެވެ.