ލޯކަލް ކައުންސިލުތަކަށް މުވައްޒަފުން ނެގުމަށް އެއްވެސް ހުރަހެއް އަޅާފައި ނުވާނެކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭ ގޮތުން ސީއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިދާރީ އޮނިގަނޑާ ގުޅޭގޮތުންނާއި އެ އިދާރާތަކަށް ބޭނުންވާ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ކޮމިޝަނުން ހުއްދަ ނުދޭ ކަމަށް ބުނެ އެކަމުގައި ކޮމިޝަނުން އަމަލުކުރަމުންދާ މިންގަޑު އޮޅުންއަރާފަދަ ގޮތަކަށް ފަހަކަށް އައިސް މައުލޫމާތު ފެތުރެމުންދާ ކަމަށެވެ.

Ad
rt

އެހެން ނަމަވެސް ލޯކަލް ކައުންސިލްތަކަށް ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަށް ކައުންސިލް އިދާރާގެ ބަޖެޓުން ޚަރަދު ކުރެވެން ހުރިނަމަ ކަނޑައަޅާފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ދެމުން ގެންދާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ހާމަކުރައްވާފައި ވެއެވެ.

މީގެ އިތުރުން ކައުންސިލް އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިއުލާންކުރުމުގެ ކުރިން އެ ކޮމިޝަނުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށާއި އެކަން ކައުންސިލުތަކަށް އެ ކޮމިޝަނުން އަންގަވާފައި ވާނެކަމަށް ވެސް ކޮމިޝަނުން ވިދާޅުވެއެވެ.

އެހެން ކަމުން އިދާރީ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު މުވައްޒަފުން ހޯދުމަކީ އެ އިދާރާގެ ޒިންމާއެއް ކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ހާމަކުރައްވައެވެ.