ހއ. ބާރަށު ޕޮލިސްޓޭޝަންގެ ފަރާތުން އެ ރަށު ސްކޫލުގެ ޕްލޭ އޭރިއާގައި އަވިދާ ދެމުމުގެ މަސައްކަތް ކޮށްފިއެވެ.
އެ ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ފުލުހުން ވަނީ 20 އޮކްޓޯބަރ 2021 ވީ ބުދަ ދުވަހު އެ މަސައްކަތްކޮށް ނިންމާފައެވެ.
މިކަމާއި ގުޅިގެން "ތިލަދުން" އާއި ވާހަކަފުޅު ދައްކަމުން ބާރަށު ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސެއިން ވިދާޅުވެފައި ވަނީ ސްކޫލެއް ކުރިއަރާ ދާނީ ރަށުގެ ހުރިހާ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. ވުމާއެކު ބާރަށު ސްކޫލަށް އަބަދުވެސް އެ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އަމްޖަދު ވަނީ ސްކޫލް ޕްލޭއޭރިއާގައި އަވިދާ ދެމުމުގެ މަސައްކަތް ކޮށްދެއްވާފައިވާތީ އެ ސްކޫލުގެ މެނޭޖްމެންޓާއި ބެލެނިވެރިންނާއި ދަރިވަރުންގެ ނަމުގައި ބާރަށު ޕޮލިސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.
ބާރަށު ސްކޫލަކީ ގްރޭޑް 10 އަށް ކިޔަވައިދެމުން އަންނަ މި ސްކޫލެކެވެ. އެ ސްކޫލުގައި މިހާރުވެސް ތިންސަތޭކައެއްހާ ދަރިވަރުން އަންނަނީ ތަޢުލީމް ހާސިލް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!