އަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޖަރުމަނު ކޮލިފައިވެއްޖެއެވެ. އެ ޓީމް ކޮލިފައިވެފައި މިވަނީ ޔޫރަޕުގެ ކޮލިފައިން ބުރުގައި ގްރޫޕް ޖޭގައި ހޯމަ ދުވަހުގެ ރޭ ނޯތު މެސެޑޯނިއާއާއި ބައްދަލުކުރި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކުއެވެ. އެ މެޗު ޖަރުމަނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން ވޯލްޑް ކަޕުން ޤަތަރަށް ޖާގަ ލިބިފައިވާއިރު، ކޮލިފައިން ބުރުން ޖާގަ ލިބިގެން ފުރަތަމަ ވޯލްޑް ކަޕަށް ކޮލިފައި ވުމުގެ ޝަރަފުވެސް މި މެޗުން މޮޅުވުމާއެކު ޖަރުމަނަށް ވަނީ ލިބިފައެވެ.
މި މެޗުގައި ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެސެޑޯނިއާއިން ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ޖެހިޔަނުދީ ވަރުގަދަ ޖަރުމަނު ހިފަހައްޓާފައެވެ.
މި މެޗުގައި ޖަރުމަނުން ލީޑު ނަގާފައި ވަނީ މެޗުގެ 50 ވަނަ މިނެޓުގައެވެ. މި ލަނޑު ތޯމަސް މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކައި ހަވާޓްޒްއެވެ. ދެވަނަ ލަނޑު 70 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޓިމޯ ވާނާ ކާމިޔާބު ކޮށްދިންއިރު، އޭގެ ތިން މިނެޓް ފަހުން ވާނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ތިން ލަނޑުގެ ލީޑެއް ޖަރުމަނަށް ހޯދައިދީފައެވެ. މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަމާލް މުސިއާލާއެވެ.
މި މެޗުން މޮޅުވުމާއިއެކު ޖަރުމަނަށް ވަނީ ކޮލިފައިންގައި ކުޅުނު 8 މެޗުން 21 ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ދެވަނާގައި 8 މެޗުން 13 ޕޮއިންޓް ލިބިގެން ރުމޭނިއާ އޮތްއިރު ޖަރުމަނު އަތުން ބަލިވި މެސެޑޯނިއާ އޮތީ 8 މެޗުން ލިބުނު 12 ޕޮއިންޓާއިއެކު މި ގްރޫޕްގެ ތިންވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!