މާލޭ ސިޓީގެ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން ސިޓީ ކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ބަދަލުކުރުމަށް އެދި އެސިޓީގެ ރައްޔިތުންގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަނާ ޙަވާލުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމައު މުޢިއްޒުއެވެ. ޕެޓިޝަން ޙަވަލުކުރެއްވީ ހުޅުމާލޭގެ ރައްޔިތެކެވެ.

Ad
rt

މާލޭ ސިޓީގެ މޭޔަރުގެ އަތްޕުޅަށް މި ޕެޓިޝަން އަރުވާފައި ވަނީ މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެތެރެއިން ރޭ ކުރިއަށް ދިޔަ ހުޅުމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައެވެ.

ޕެޓިޝަން ޙަވާލުކުރުމަށް ފުރުޞަތު ހޯދުމަށް ވާހަކަދައްވަމުން ހުޅުމާލޭގެ ރައްޔިތަކު ބުނެފައި ވަނީ މި ބައްދަލުވުމުގައި ހުށަހެޅުމަށް ޕެޓިޝަން ތައްޔާރުކުރީ އެ ޕެޓިޝަންގައިވާ ކަންކަން ބަދަލުކުރުމަށް ރައްޔިތުން އެދޭތީކަމަށެވެ. އަދި ޕެޓިޝަންގައި ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލުމުން 10 ގަޑިއިރުތެރޭ 1800 މީހުން ސޮއިކޮށްފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ރޭގެ ބައްދަލުވުމުގައި މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކައުންސިލަށް ޤާނޫނުން ލާޒިމްކުރާ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވިއެވެ. އަދި މިހާރު ކަންކަން ހަމަޖެހިފައިހުރިގޮތުން، ސިޓީ ކައުންސިލަށް ގާނޫނުން ލާޒިމްކުރާ ޚިދުމަތްތައް ހުޅުމާލޭގައި ދެމުންދަނީ އެޗް.ޑީ.ސީ އިންކަމަށް ވިދާޅުވެ މިކަން ބަދަލުވާންޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް މިހާރުވެސް ކުރައްވަމުންގެންދަވާ މަސައްކަތް ހުއްޓާނުލައްވާނެކަމަށް ވިދާޅުވިއެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފެށުނީ މި އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެރޭ 8:30 ގައި ބޭއްވުނު ގަލޮޅު އަވަށުގެ ބައްދަލުވުމުންނެވެ.

އެއަށް ފަހު ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރު ބައްދަލުވުން ވަނީ ބާއްވާފައެވެ. މާލޭ ރައްޔިތުންގެ ގެދޮރުވެރިކަމާބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މި އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ މުޅީ މާލޭ ސިޓީއަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުއް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.