ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ބެލްޖިއަމާއި ޑެންމާކް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފަހު މެޗަށް ޑެންމާކް ކުރިމަތިލީއިރު އެ ޓީމަށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އޮތީ ގެއްލިފައެވެ. ސަބަބަކީ އެ ޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެފައި ވުމެވެ. ނަމަވެސް އެ ޓީމުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަޝިއާތައުން 4-1 ގެ ނަތީޖާއިން ވަނީ މޮޅުވެފައެވެ. އަދި ބެލްޖިއަމް ވަނީ ފަހު މެޗުގައި ފިންލޭންޑްގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.

Ad
rt

މި ނަތީޖާތަކާއިއެކު ގްރޫޕް ބީގެ އެއްވަނަ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށް ނުވަ ޕޮއިންޓާއިއެކު ހޯދީ ބެލްޖިއަމެވެ. ޑެންމާކް، ފިންލޭންޑް އަދި ރަޝިއާ މި ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފައިވާއިރު ޑެންމާކަށް ދެވަނަ ބުރުން ޖާގަ ކަށަވަރު ވެގެން ގޮސްފައި ވަނީ ތިންވަނާގައި އޮތް ފިންލޭންޑްގެ މައްޗަށް ފައިދާ ގޯލުން ކުރި ލިބިގެންނެވެ.

ޑެނެމާކްގެ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޑެންމާކުން ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މައިކަލް ޑެމްސްގާޑެވެ.

މި މެޗުގައި ޑެންމާކުން ކާމިޔާބުކުރި ދެވަނަ ލަނޑު ރަޝިއާގެ ޑިފެންސުންހެދި ގޯހެއްގެ ފައިދާ ނަގައި މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޔޫސުފް ޕޮއުލްޝަންއެވެ. ރަޝީއާއިން ވަނީ މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު ޕެނަލްޓީން ކާމިޔާބު ކޮށްދީފައި ވަނީ އާޓެމް ޒޫބާއެވެ. މެޗުގައި ޑެންމާކުން ކާމިޔާބުކުރި ތިންވަނަ ލަނޑު 79 ވަނަ މިނެޓޫގައި ކްރިސްޓެޝަން ކާމިޔާބު ކޮށްދިންއިރު، ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޔޮއަކިމް މީލްއެވެ. މުބާރާތުގެ ދެވަނަބުރުގައި ޑެންމާކް ބައްދަލުކުރާނީ ވޭލްސްއާއެވެ

މި ގްރޫޕުގެ އެއްވަނަ ހޯދި ބެލްޖިއަމް ވަނީ ފަހު މެޗުގައި ފިންލޭންޑްގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.

ރަޝިޔާގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބެލްޖިއަމުން ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފިންލޭންޑުން ވަނީ މެޗުގެ ވަރަށް ބޮޑުބައިގައި އެ ޓީމް ކޮޅަށް ލަނޑެއްވަނަ ނުދީ ހިފަހައްޓާފައެވެ. މި މެޗުގައި ބެލްޖިއަމް ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމްގެ ކީޕަރ ލޫކަސް ހާޑެސްކީގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގައި ބެލްޖިއަމުން ލީޑު ފުޅާ ކޮށްފައިވަނީ 81 ވަނަ މިނެޓުގައި ލުކާކޫ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.