އިންތިހާބު ތަކުގައި “އުތުރުން” އެމްޑީޕީއަށް ދޭ ތާއީދާއި އެއްވަރަށް، ވެރިކަމުގައިވެސް “އުތުރަށް” ކުރިއެރުން އަންނަން ޖެހޭކަމަށްކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ސިޓީ ކައުންސިލް ތަމްސީލުކުރުމަށް ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު (އިއްސެ) އިންތިޚާބުވުމާއި ގުޅިގެން މަރުޙަބާ ދެންނެވުމަށް ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

މިޓުވީޓުގައި ޔާސިރު ވިދާޅުވީ ކުޅުދުއްފުށި ސިޓީއިން އެމްޑީޕީއަށް 7 ވޯޓު ލިބިފައިވާކަމަށެވެ. އިދިކޮޅު ޕީޕީއެމްއަށް އެެއްވެސް ވޯޓެއް ލިބިފައެއް ނުވެއެވެ. ކުޅުދުއްފުށި ސިޓީގައި އަލަށް އިންތިހާބު ކުރެވުނު ކައުންސިލުގެ 7 ގޮނޑިއަށް އިންތިހާބުވެފައިވަނީ ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންނެވެ.

“އިންތިހާބުގަައި “އުތުރަށް” ދެކޭ ހުވަފެން ހަގީގަތަކަށް ވާންޖެހޭ”

ޔާސިރުގެ ޓުވީޓު ނިންމާލަމުން ވިދާޅުވެފައިވެއެވެ.

އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލާއި ސިޓީތަކުގެ ފަރާތުން އެލްޖީއޭގައި ތަމްސީލުކުރާނެ މެމްބަރުން ހޮވުމަށް އިލެކްޝަންސް ކޮމިޝަން މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި އިއްސެ އާއި ވާދަކޮށްފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ.މުއިއްޒުއެވެ.

ސިޓީ ކައުންސިލަރުންގެ އިންތިހާބުގައި އެމްޑީޕީގެ މެންބަރު އިއްސެއަށް 24 ވޯޓު ލިބުނު އިރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބިފައިވަނީ 21 ވޯޓެވެ.

ސިޓީ ކައުންސިލްތަކުގައި އެމްޑީޕީގެ 25 ކައުންސިލަރުން ތިއްބަވާއިރު ޕީޕީއެމްގެ 18 ކައުންސިލަރުން ތިއްބަވައެވެ. އަދި ޖުމްހޫރީޕާޓީ އެއް ކައުންސިލް މެމްބަރު ހިމެނޭއިރު އަމިއްލަ 03 ކައުންސިލަރުން ތިއްބަވައެވެ.