ލުއްދުގައި ބޮޑެތި މުޒާހަރާތަކާއި ހަޅުތާލުތައް ކުރިޔަށް ގޮސް، ކުއްލި ޙާލަތު އިޢުލާނުކޮށްފައި ވަނިކޮށް، ރާޙަތު އަދި ޤަލަންސުވާގައި ވެސް ހަމަނުޖެހުން ބޮޑުވެ ރައްޔިތުން ނުކުމެ އެކި ތަންތަން ލޫޓުވައި، ހުޅުޖަހަމުން އެބަ ދެއެވެ.
ނަތަންޔާހޫގެ ތާއީދު އިޒްރޭލުގެ ރައްޔިތުންގެ މެދުގައި ވަނީ ކުޑަވެފައެވެ. އެކަން ޙައްލުކުރުމަށް ފަލަސްތީނުގެ އެތަންމިތަނަށް ޙަމަލާދީ މުސްލިމުން މެރުމުން މީގެ ކުރިން ތާއީދު އިތުރުވެ.
ނަމަވެސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ޙަމަލާތައް ޣައްޒާއަށް ދޭންފެށުމާއެކު އިޒްރޭލުގެ އެތެރެއިން ދަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވަމުންނެވެ.
ލުއްދުގެ މޭޔަރު ސިފަކޮށްފައިވާ ގޮތުން އެ ސިޓީ ވަނީ ދާޚިލީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. އަދި ފުލުހުންނަށް މައިތިރި ކުރެވޭ ވަރަށްވުރެ ޙާލަތު ގޯސްވެ، ފެއިލްވެފައިވާ ބޮޑުވަޒީރު ނަތަންޔާހޫ މިހާރު ވަނީ މުޅި ސިޓީގައި ކުއްލި ޙާލަތު އިޢުލާން ކޮށްފައެވެ. ބިޔަ މުޒާހަރާތަކާއި ހަމަނުޖެހުންތައް ދަނީ ކުރިޔަށެވެ.
އަނެއްކޮޅުން ޣައްޒާގެ މުޖާހިދުން ދަނީ މިއިން ބައެއް ސިޓީތަކަށްވެސް ޙަމަލާ ދެމުންނެވެ. މިގޮތުން ލުއްދަށް ދިން ޙަމަލާއެއްގައި މީހަކު މަރުވެސް ވެފައި ވެއެވެ.
މިހާތަނަށް ޣައްޒާއިން 150 އަށް ގިނަ ފަލަސްތީނީން ޝަހީދުވެފައިވާއިރު އެތައްހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.
އިޒްރޭލުގެ ސިފައިން މާތްވެގެންވާ އަލް މަސްޖިދުލް އަޤްޞާއަށާއި ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ރައްދުގައި ޣައްޒާގައި ޙަރަކާތްތެރިވާ ޙަމާސް އަދި އިސްލާމިކް ޖިހާދުން ދަނީ އިޒްރޭލުގެ އެކި ހިސާބުތަކަށް ރޮކެޓް ޙަމަލާތައް ދެމުންނެވެ. އިޒްރޭލުގެ މިސައިލުން ދިފާޢުވާ 'އަޔަން ޑޯމް' ނިޒާމަށް ހުއްޓުވޭވަރަށްވުރެ އަވަސް އަދި ގިނަ ޙަމަލާތަކެއް ދަނީ ދެމުންނެވެ.
ނަތީޖާއެއްގެ ގޮތުން ބައެއް ތަންތަނަށް ޙަމަލާތައް އަރައި، އިޒްރޭލުގެ ސިފައިން މަރުވެ، މާއްދީ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި ފަލަސްޠީނުގެ ތުއްތު ދަރިން ނިދިން މަޙްރޫމްކޮށް، އެތަން މިތަނަށް ބޮންއަޅަމުންދާހައި ހިނދަކު އިޒްރޭލުގެ ރައްޔިތުންވެސް ނިދިޔަ ނުދޭނެކަމުގައި ވަނީ ބުނެފައެވެ.
މިހަމަލާތަކުގެ ވަރުގަދަކަމާއި ލިބުނު ސިހުމެއްގެ ސަބަބުން އިޒްރޭލުގެ ދެކުނުގެ ހުރިހައި ސްކޫލުތައް ވަނީ ބަންދުކޮށް، ރައްޔިތުން ބިންގަރާސްތަކަށް ވަދެ ތިބެން ވަނީ މަޖުބޫރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!