ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުދަ ދުވަހުގެރޭ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެއްކަމަށްވާ ޖަރުމަނުވިލާތް، އިރުމަތީ ޔޫރަޕްގެ ޤައުމެއްކަމަށްވާ ނޯތު މެސެޑޯނިއާ އަތުން ބަލިވެއްޖެއެވެ.

ކޮލިފައިންގައި ބަލިނުވެ 35 މެޗު ހަމަކޮށް، ޖަރުމަނު ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައީ 2-1 ގެ ނަތީޖާއަކުން ނޯތު މެސެޑޯނިއާ، ޖަރުމަނުގެ މައްޗަށް ކުރި ހޯދުމުންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ވެސް ނޯތު މެސެޑޯނިއާއިންނެވެ. މިގޮތުން އެ ޤައުމަށް ލީޑު ނަގައިދިން ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޯރަން ޕާންޑޭވެވެ.

ޖަރުމަނުން، މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖަހާފައި ވަނީ މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިލްކާއި ގުންޑޮގާން އެވެ.

ޖަރުމަނު ދަމަހައްޓަމުންއައި ރެކޯޑް ނިމުމަކަށް ގެނުވައި، މި މެޗުގައި ނޯތު މެސެޑޯނިއާއިން ދެވަނަ ގޯލް ކާމިޔާބު ކޮށްފައި ވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެލްޖިފް އެލްމަސް ކާމިޔާބުކުރި ލަނޑުންނެވެ.

މިއީ 2001 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގެ ކޮލިފައިން މެޗަކުން ޖަރުމަން ބަލިވި ފުރަތަމަ ފަހަރެވެ.

ނޯތު މެސެޑޯނިއާއަތުން ޖަރުމަން ބަލިވިއިރު، އެ ޤައުމު އޮތީ ގްރޫޕް ޖޭގެ ތިންވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ނޯތު މެސެޑޯނިއާ އޮތީ މި ގްރޫޕުގެ ދެވަނައިގައެވެ. އެ ޤައުމު ވެސް ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދާފަ އެވެ.

މި ގްރޫޕްގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނުވަ ޕޮއިންޓާއެކު އާމީނިއާއެވެ.

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގެ އިތުރު މެޗްތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް ބީގައި ހިމެނޭ ސްޕެއިން ވަނީ ކޮސޯވޯ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެ، ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.

ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް ވެސް ވަނީ ޕޮލެންޑް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. ކުޅުނު 3 މެޗުންވެސް މޮޅު އިންގްލެންޑް އޮތީ ގްރޫޕް އައިގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކުއެވެ.

ގްރޫޕް ސީގައި ހިމެނޭ އިޓަލީ ލިތުއޭނިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އަދި ގްރޫޕް ޑީގައި ހިމެނޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވީ ބޮސްނިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.