ރައްޖޭގެ 13 ރަށެއްގައި ޓާފް ދަނޑު އެޅުމަށް ހިންގާ މަޝްރޫއުގެ ދަށުން ހއ. ދިއްދޫ އަދި ހދ. ނެއްލައިދޫގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއަށް 8.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.
ދިއްދޫއައި ނެއްލައިދޫގެ އިތުރުން ޓާފް ދަނޑު އެޅުމަށް ނިންމާފައިވާ އަނެއް 11 ރަށަކީ ރ. އަލިފުށި، ފ. ނިލަންދޫ، ސ. ފޭދޫ، ޏ. ފުވައްމުލަށް، ގދ. ތިނަދޫ، ލ. ގަން، ޅ. ހިންނަވަރު، ސ. ހޮޅުދޫ، ގއ. ވިލިނގިލި، އދ. މާމިގިލި، އަދި ނ. ކެނދިކުޅުދޫއެވެ.
މި ދަނޑުތައް އަޅަނީ މި ސަރުކާރުގެ އެއް ވައުދު ކަމަށްވާ ކުޅިވަރު ކުޅޭ ތަންތަން ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ފަސް އަހަރު ތެރޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 ޓާފް ދަނޑު އެޅުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށް ކުޅިވަރާ ވެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!