ށ. ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެރަށުން ވަނީ 32 ބައިވެރިން ބައިވެރިވެ، 29 ބައިވެރިއަކު ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

Ad
rt

އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ފުނަދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ނަޒީރެވެ. މީގެއިތުރުން އެތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވި، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގެ އެގްރިކަލްޗަރ އޮފަސަރ އަބޫބަކުރު މުޙައްމަދު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރެއްވި ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކޮށް ދެއްވުމަށްފަހު ފުނަދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ނަޒީރު ދެއްކެވި ވާހަކާގައި ވަނީ އެރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާކެޓްކޮށް، ވިއްކޭނެ މަގެއް ކައުންސިލުން ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން އެ ރަށުގެ ދަނޑުވެރިންނަށް ދީފައެވެ.

ފުނަދޫ ކައުންސިލުން ވަނީ ކޯވިޑް-19ގެ ބަލިމަޑުކަން ފެށުނުފަހުން، އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް އެރަށުން ބިން ދޫކޮށްފައެވެ.

ފުނަދޫގައި ކުރެވެމުންދާ ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ''ތިލަދުން''އަށް މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ފެށިގެން ދިޔައީ މުޅިން އަލަށް ކަމަށްވާއިރު، އެރަށަކީ ކާމިޔާބު ކަމާއިއެކު ދަނޑު ހެއްދޭނެ ރަށެއްކަން އެރަށުގެ ދަނޑުވެރިން ސާބިތުކޮށްދެމުންދާ ކަމަށެވެ.

''މިރަށަކީ ކުރިން މިގޮތަށް ދަނޑު ހައްދާ އުޅުނު ރަށެއް ނޫން، ނަމަވެސް ކޯވިޑާއި ގުޅިގެން ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، ރަށުން ދަނޑުވެރިކަމުގެ ބާވަތްތައް ފަސޭހަކަމާއިއެކު ރަނގަޅު އަގުގައި ލިބޭނެ ގޮތް ހެދުމަށްޓަކައި އަޅުގަނޑުމެން ކައުންސިލުން ދަނޑުތަކެއް ދޫކުރީ، އަޅުގަނޑުމެން ކޮންމެ ދުވަހަކުހެން އެ ދަނޑުތަކަށް ގޮސް ބަލައި ހަދަން، ވަރަށް އުންމީދީ މަސައްކަތެއް ގޮތުގައި، ދަނޑުވެރިންގެ އެ މަސައްކަތް ފެންނަނީ'' އަޙްމަދު އިބްރާޙީމްފުޅު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ކައުންސިލްގެ ވިސްނުންހުރީ ދަނޑުވެރިންނަށް ވީހާވެސް ލުއިފަސޭހަ ވާނެހެން ކަންކަން ކުރުން ކަމަށެވެ. އަދި ދަނޑުވެރިންގެ ފުދުންތެރިކަން އިތުރުވެ، ރައްޔިތުންނަށް ދަނޑުވެރިކަމުގެ ހެޔޮ ނަތީޖާ ލިބުމަކީ ކައުންސިލުންގެ ވިސްނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގައި އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަކާއި ނުލައި، ފުނަދޫ ކައުންސިލުން އެރަށުގެ ރައްޔިތުންކުރެ ދަނޑުވެރިކަންކުރަން ޝައުގުވެރިވި ފަރާތްތަކަށް ވަނީ 2000 އަކަފޫޓުގެ 33 ބިން ދޫކޮށްފައެވެ.