މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ބާއްވާ ތެވެލި ކޮންފަރެންސް 2019 ފަށައިފިއެވެ.
ތެވެލި 2019 ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ވަރަށް އަވަސް މިނުގައި ބަދަލުވަމުންދާ ދުނިޔެއެއްގައި އެކި ދާއިރާތަކުން ދިރާސާތައްކުރެވި ކަންކަން ދެނެގަނެވުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ރާއްޖޭގައިވެސް އެކި ފެންވަރުގެ ބައިނަލްއަޤުވާމީ ދިރާސީ ކޮންފަރެންސްތައް ބޭއްވިގެން ދިޔުމަކީ ތަޢުލީމީ ހަރުފަތުގައި ރާއްޖެވެސް ކުރިއަށް ޖެހިލިކަމުގެ ހެއްކެއްކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ތެވެލި ކޮންފަރެންސްގައި މިފަހަރު 111 ދިރާސާ ކަރުދާސްވަނީ ހުށައާޅާފައެވެ. "މޯޓިވޭޓް. އިންޓަރގްރޭޓް. ޑިސްކަވަރ." މި މަޢުޟޫގެ މައްޗަށް ހުށައަޅާ މިދިރާސާ ކަރުދާސްތައް ރިވިއުކުރުމަށްފަހުން އެންމެ ރަނގަޅު ދިރާސާތައް މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗުގައި ޝާއިޢުކުރުމަށްވަނީ ހަމަޖެހިފައެވެ.
އޭގެތެރޭގައި ތިމަވެއްޓާއި ތަޢުލީމާއި ސައިންސާއި ސިއްޙަތާއި ޝަރީޢާގެ ދާއިރާއިން ކަރުދާސްތަކާއި ކަމާގުޅޭ ތަޖުރިބާކާރުން ވާހަކަ ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. ތެވެލި 2019 ގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 70 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ. އެގޮތުން މިފަހަރު ސައުތް ކޮރެއާއާއި މެލޭޝިއާއާއި ސައުތް އެފްރިކާއާއި ބުރުނާއީއާއި އިންޑިއާއާއި ސްރީ ލަންކާފަދަ ޤައުމުތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިކޮންފަރެންސް ކުރިއަށްދަނީ އެމްއެންޔޫގައެވެ. 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެމްއެންޔޫއިން ބާއްވަމުން އަންނަ ތެވެލި ކޮންފަރެންސްގައި ހުށައަޅާ ޢިލްމީ ދިރާސާތައް އަހަރުން އަހަރަށް އިތުރުވަމުންދާކަމީ ކޮންފަރެންސަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޝައުގުވެރިވާ މިންވަރު ދައްކުވައިދޭކަމެއްކަމަށް އެމްއެންޔޫއިން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!