ހެލްތު މިނިސްޓަރުގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ހެލްތު މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހ. ފޭވާ، ސަފިއްޔާ މުހައްމަދު ސައީދު އެވެ.
ސަފިއްޔާ މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.
ސަފިއްޔާ އަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބާމިންގްހަމްއިން މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަސިޓީއިން ބެޗެލާ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީޒް ހާސިލުކުރައްވާފަ އެވެ.
ހެލްތް މިނިސްޓަރުގެ ނާއިބު ކަމަށް އިތުރު ބޭފުޅަކު ހަމަޖައްސަވާފައިވާއިރު ގ. ސިލްވަރުގެ، މަރިޔަމް ހާލިދާ ވެސް ހެލްތްގެ ނާއިބަށް މިދިޔަ މަހު ވަނީ ހަމަޖައްސަވާފަ އެވެ. އަދި ކުރިން ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހުމަދު އާދިލް ވަނީ ހެލްތްގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!