"ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ގެ ނަމުގައި ޕްރޮގްރާމެއް ށ. ފުނަދޫގައި ފަށައިފި އެވެ.

މި ޕްރޮގުރާމާއި ބެހޭގޮތުން މަޢުލޫމާތު ދެމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ، މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި ޔުނިސެފް އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، މި ޖެނުއަރީ މަހުގެ 9 ން 14 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ.

Ad
rt

މި ޕްރޮގްރާމުގެ ތެރެއިން ފުލުހުންނަށް އަމާޒުކޮށްގެން ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މި ސެޝަންތަކުގައި ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ޖީނާއި އިޖުރާތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށާއި އަދި އަނިޔާ ލިބޭ ކުދިން ހިމެނޭ މައްސަލަތަކާއި ކުށްކުރާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ކުށުގެ ވެށީގައި މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ވިސްނަންޖެހޭ ކަންތައްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވާ ކަމަށެވެ.

6 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ބެލެނިވެރިންނަށާއި ޓީޗަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓް އަދި ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓްގެ ކަމާއި ގުޅުންހުރި ތަޖުރިބާ ލިބިފައިވާ މުވައްޒަފުންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ށ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި އިންވެސްޓިގޭޝަން އޮފިސަރުން އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެ އެވެ.