ހދ. ކުޅުދުއްފުށި އެއާޕޯޓުގެ 25 ވަޒީފާއަކަށް 400 މީހުން ކުރިމަތިލި ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނެފި އެވެ.

"ކުޅުދުއްފުށި އޮންލައިން" އަށް މައުމޫލާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ އެއާޕޯޓަށް ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކާއި އިންޓަވިއުކުން އޮންނާނެ ކަމަށެވެ.

Ad
rt

"ވަޒީފާއަށްއެދި ހަތަރު ސަތޭކައަށްވުރެންގިނަ ފޯމް ހުށައަޅާފައިވޭ. އޭގެ ތެރެއިން ޝަރުތުހަމަވާ ދުއިސައްތަ ހަތް ފޯމް އެބައިން." ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމް ވިދާޅުވި އެވެ

އޭނާ ވިދާޅުވީ އެވަޒީފާތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުނަމަ ތައުލީމާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓްކޮށް އިންޓަވިއު ކުރެވޭނެކަމަށެވެ.

"މިއަދުން ފެށިގެން އެލިޖިބަލްވި ފަރާތްތަކަށް އިންޓަވިއުއަށް ކިޔޭތޯ މިބަލަނީ. އެލިޖިބަލް ނުވި މީހުންނަށް އޮންނާނެ އަޅުގަނޑުމެން ވަގުތުން ރިޕްލައިކޮށްފަ." އަޙްމަދު ޝަމީމް ވިދާޅުވި އެވެ.

ކުޅުދުއްފުށި އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މިހާރު ހަފްތާއަކު ތިން ފްލައިޓް އެ އެއާޕޯޓަށް ޖައްސައެވެ.