ރަށްރަށުގެ ސަރަޙައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަދިކަން އެ ރަށަކަށް ލިބިދިނުމަށް ގޮވާލާ ގަރާރެއް ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފި އެވެ.

މި ޤަރާރު ހުށަހެޅީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒެވެ.

Ad
rt

މި ގަރާރުގައި ބުނެފައިވަނީ، ލާމަރުކާޒީ ގާނޫނު ތަސްދީގު ކުރެވުނުތާ އަށް އަހަރު ދުވަސް ވެގެން ދިޔަ އިރުވެސް، އަދިވެސް އެ ގާނޫނުގެ ހަގީގީ މަގުސަދު ހާސިލުވަމުން ނުދާ ކަމަށެވެ. އަދި އެ ޤާނޫނުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ނަފާއާއި މަންފާ ލިބެމުން ނުދާތީ، އެކަމުގެ ސަބަބުތައް ހޯދައި ދެނެގަންނަން ޖެހޭކަމަށެވެ.

އަލީ ނިޔާޒް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ރަށްރަށުގެ ސަރަހައްދީ ދާއިރާގައި ހިމެނޭ އެއްގަމާއި ފަޅާއި ކަނޑުގައި ހިމެނޭ ގުދުރަތީ މުއްސަނދިކަމާއި އުމުރާނީ ތަރއްގީގެ ވަސީލަތްތަކަކީ، އެ ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންގެ ހައްގުތަކާ ސީދާގޮތުން ގުޅިފައި އޮންނަޖެހޭ ތަންތަން ކަމަށެވެ. އެގޮތުން އެ ރައްޔިތުންނަށް އޭގެ ލާބަޔާ މަންފާ އެންމެ ފުރިހަމައަށް ލިބިގެންދާނެ ވަސީލަތްތައްކަމަށް އެ ތަންތަން ހަމަޖައްސަން ޖެހޭ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް މިހާރުން މިހާރަށް ގެންންނަ ޖެހޭ އިސްލާހުތައް ގެނައުމަށް އެމްޑީޕީގެ ޗެއާޕާސަން ނައިބުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަލީ ނިޔާޒް ވަނީ މި ޤަރާރުގައި ގޮވާލާފައެވެ.

ގަރާރުގައި ކުރަން ހިމަނާފައިވާ ކަންކަންތައްތަކުގެ ތެރޭގައި ކޮންމެ ރަށެއްގެ ސަރަހައްދުގައި ހިމެނޭ ރަށްރަށާއި ފަޅާއި ފަރުފަދަ ތަންތަނާއި، އެފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ އާމްދަނީ ނިސްބަތްވަނީ އެ ރަށެށްގެ ރަށު ކައުންސިލަށް ކަމަށް މަޖިލީހުން ކަނޑައެޅަން ޖެހޭނެއެވެ. އަދި އެ ސަރަހައްދުތަކުން ލިބޭ އާމްދަނީ އިން ރަށު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ރަށުގެ އުމްރާނީ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތް ގާނޫނުގައި ބަޔާން ކުރަން ޖެހޭނެއެވެ. މީގެ އިތުރުން ލާމަރުކަޒީ އުސޫލޫގެ ހަގީގީ މާނައާ އެއްގޮތައް ގަރާރުގައި ހިމެނޭ ކަންކަން ހިމެނޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ޖެހޭނެކަމަށްވެސް މި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ކައުންސިލްތަކަށް ބާރުދިނުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.