އިޓާލިއަން ސީރިއާގައި ރޭ އުދިނޭޒީއާއި ވާދަކުރިމެޗުން މޮޅުވެގެން ލީގު ކާމިޔާބު ކުރުމަށް ލިބުނު ފުރުޞަތު ޔުވެންޓަސްއިން ނަގައިލައިފިއެވެ.

ރޭ އުދިނޭޒީގެ ދަނޑުގައި ކުޅުނު މި މެޗު އުދިނޭޒީން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްއިން ވަނީ މޮޅަށް ކުޅެފައެވެ. މިގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އިތުބާރު ޑިފެންޑަރ ޑިލައިޓެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

Ad
rt

ދެވަނަ ހާފުގައި އުދިނޭޒީއިން ވަނީ އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. މިގޮތުން ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުންވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް ނޭސްޓްރޯވްސްކީއެވެ.

މި ލަނޑާއި އެކު ޔުވެންޓަސްއިން ވަނީ އުދިނޭޒީގެ ގޯލަށް ނުރައްކާކޮށް ފައެވެ. ނަމަވެސް އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބު ނުކުރެވި އުޅެނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އުދިނޭޒީން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމުގެ ފަފާނާ ލަނޑެއްޖަހައި މެޗުން އުދިނޭޒީއަށް ވަނީ ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު ޔުވެންޓަސްއަށް ލީގު ކާމިޔާބު ކުރުމަށް ދެން ބޭނުންވަނީ ތިން ޕޮއިންޓެވެ. މިވަގުތު ޔުވެންޓަސް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 35 މެޗުން ކާމިޔާބުކުރި 80 ޕޮއިންޓާއިއެކުގައެވެ. ދެވަނައިގައި އޮތް އެޓަލާންޓާއަށް 35 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އިންޓަ މިލާނުން އޮތީ 35 މެޗުން ލިބުނު 73 ޕޮއިންޓާއެކުގައެވެ.

މި އަހަރު ޔުވެންޓަސްއިން ލީގު ކާމިޔާބުކޮށްފިނަމަ މިއީ އެ ޓީމު ވިދިވިދިގެން އިޓަލީ ލީގު ކާމިޔާބުކުރާ ނުވަވަނަ ފަހަރެވެ. މި ފަހަކަށް އައިސް ޔުވެންޓަސްގެ ފޯމު ވަނީ ވަރަށް ބޮޑަށް ދައްވެފައެވެ. މިގޮތުން ބަލާއިރު އެ ޓީމު ލީގުގައި އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެއްކަން ފާހަގަ ކުރެވެއެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ ސަމްޕްޑޯރިއާ އާއި ވާދަކުރާ މެޗުން މޮޅުވެގެން ޔުވެންޓަސްއަށް މި އަހަރުގެ ލީގު ކާމިޔާބު ކުރެވޭނެއެވެ.