ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ ޕީސީއާރް މެޝިން އައްޑޫ ސިޓީއަށް ލިބުމާއިއެކު އެސިޓީގައި ދުވާލަކު 100 ޓެސްޓު ހެދުމުގެ ގާބިލުކަން އިތުރުވެއްޖެއެވެ.

އެސިޓީން މިހާރު ދުވާލަކު 24 ސާމްޕަލް ކޯވިޑަށް ޓެސްޓު ކުރެވޭއިރު، މިހާރު ޓެސްޓު ކުރުން ކުރިއަށްދަނީ ބަޔޯ ފަޔަރ މެޝިނެއް މެދުވެރިކޮށެވެ.

Ad
rt

އައްޑޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޝަރަފުއް ސާދާތު (ސާތު) އާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައި ވަނީ މާލެއިން އައްޑޫ އަށް ޕީސީއާރް މެޝިނެއް ލިބިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެ މެޝިނާއި ގުޅޭ އެއްޗެހި އެސެމްބަލް ކުރުމުގެ މަސައްކަތް ކަމަށެވެ.

އެސިޓީން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ މާލެއިން އެސިޓީއަށް ދިޔަ މީހުންގެ ތެރެއިން އައްޑޫ އީކުއެޓަރ ވިލެޖްގެ ކަރަންޓީން ފެސިލިޓީގައި ހުރި މީހެކެވެ. އައްޑޫން ޕޮޒިޓިވް ވި އެ މީހާއަކީ ރަށްރަށުގައި މީހުން ކަރަންޓީނު ކުރަން ފެށުމާއިއެކު އެ ސިޓީއަށް ފުރަތަމަ ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެމީހާ ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

އެސިޓީގެ ކަރަންޓީނު ފެސިލިޓީއެއްގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވުވިތާ 2 ދުވަސްތެރޭ އެ ސިޓީގައި ކޯވިޑަށް ޓެސްޓު ކުރެވޭގޮތް ހަމަޖެހިފައިވާކަން ވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައެވެ. މިމަހުގެ 14 ވަނަ ދުވަހު އެ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލަށް ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ލިބިފައި ވާކަމަށާއި ކޯވިޑް-19 ވައިރަސް ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓް އެ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެންއީއޯސީން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މީގެ ކުރިން ބުނެފަ އެވެ. މިހާތަނަށް ރާއްޖެއިން މީހުން އުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ އުތުރުގެ ރަށްތަކުންނެވެ.

އައްޑޫގައި ކޯވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ އެމައްސަލަ ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ. މިއާއި އެކު އައްޑޫ އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ނާއި އައްޑޫ ސިޓީ ކައުންސިލުން ވަނީ އެސިޓީގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އައްޑޫ އަކީ މާލެފިޔަވާ އެންމެގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސިޓީއެވެ.

ރާއްޖެއިން މިހާތަނަށް 2,187 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 1،788 މީހުން ރަނގަޅުވެ، 8 މީހަކު ވަނީ މަރުވެފައެވެ. މިވަގުތު ފަރުވާގައި ތިބީ 389 މީހުންނެވެ.

ކޯވިޑަށް މިހާތަނަށް 40،848 މީހުން ޓެސްޓްކޮށްފައިވާއިރު މި ވަގުތު އައިސޮލޭޝަންގައި ތިބީ 294 މީހުންނެވެ. ކަރަންޓީންގައި ތިބީ 151 މީހުނެވެ.