ތުރުކީވިލާތުގެ އަންތާލިޔާގައި ދެ ހަފުތާއަށް ވުރެ ގިނަ ދުވަހު ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31)، ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި އާދީއްތަ ދުވަހު ނާކާމިޔާބީއަކާއެކު ނިމިއްޖެއެވެ.

މިއީ މޫސުމީ ކާރިސާތަކުގެ ނުރައްކާ އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި، 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ކޮޕް15 އަށް ފަހު މިފަދަ ބޮޑު މަޝްވަރާއެއް އެއްބަސްވުމަކާ ނުލައި ރޫޅިގެންދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއީ ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އިތުރަށް ދިގުދެމިގެން ގޮސް، ތާރީޚުގައި ވެސް އެންމެ ދިގުލައިގެން ދިޔަ ކޮޕް ބައްދަލުވުމެވެ.

މި މަޝްވަރާތައް ބޮއްސުންލައިގެން ދިޔަ މައިގަނޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސްލު ކަމަށްވާ ފޮސިލް ފިއުލް ނުވަތަ ކާބަން ބޭރުކުރާ ތެލާއި ގޭހާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކެވެ. "އަންތާލިޔާ ޕެކްޓް" ގެ ނަމުގައި އެކުލަވައިލި އެއްބަސްވުމުގެ ދެލިކޮޕީ ފާސްކުރުމަށް 190 އަށް ވުރެ ގިނަ ގައުމު ބައިވެރިވި އެންމެ ފަހު ބައްދަލުވުމުގައި، ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލުމާ ގުޅޭ އެއްވެސް އިބާރާތެއް އެ ލިޔުމުގައި ހިމަނާފައި ނުވާތީ ގިނަ ގައުމުތަކަކުން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ވަކިވެފައިވާ އެމެރިކާ މި މަޝްވަރާތަކުގައި ބައިވެރިއެއް ނުވެއެވެ.

އެއްބަސްވުމާ ދެކޮޅު ހެދި ފަރާތްތަކުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)، ޕެނަމާ، މާޝަލް އައިލެންޑްސް އަދި ނޯވޭ ހިމެނެއެވެ. އީޔޫގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި އަޔަލަންޑްގެ ކްލައިމެޓް މިނިސްޓަރު ދާރާ އޯބްރަޔަން ވިދާޅުވީ، ފޮސިލް ފިއުލްގެ ވާހަކަ އެއްވެސް މިންވަރަކަށް ފާހަގަކޮށްފައި ނުވާ އެއްބަސްވުމަކަށް އީޔޫއިން ތާއީދު ނުކުރާނެ ކަމަށެވެ. ކޮޕް31 ގެ ރައީސް މުރާތު ކުރުމް ވިދާޅުވީ، އެއްބަސްވުމަކަށް ވާސިލުވުމަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެ ލިޔުމާ މެދު ގައުމުތަކުގެ މެދުގައި އިއްތިފާގެއް ނެތްކަން ސާފުވާ ކަމަށެވެ.
ކޮންފަރެންސްގެ ފުރަތަމަ ދެލިކޮޕީގައި ހަކަތަ އުފެއްދުމުގެ ނިޒާމުތަކުގައި ފޮސިލް ފިއުލް ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 100 އަށް ވުރެ ގިނަ ގައުމުން އެ ބައި ބާއްވަން އެދެމުން ދަނިކޮށް، ފަހުން ނެރުނު ދެލިކޮޕީތަކުން އެ ބައި ވަނީ މުޅިން އުނިކޮށްފައެވެ. މީގެ އިތުރުން، ޖައްވަށް ބޭރުވާ ވިހަ ގޭސް ދަމައިގަތުމަށް ބޭނުންކުރާ "ކާބަން ކެޕްޗާ" ޓެކްނޮލޮޖީ އިތުރުކުރުމަށް އެއްބަސްވުމުގައި ހިމެނުމުން ވެސް ފާޑުކިޔުން އަމާޒުވިއެވެ. ކްލައިމެޓް ތިންކް ޓޭންކެއް ކަމަށްވާ އީ3ޖީގެ އެސޯސިއޭޓް ޑިރެކްޓަރު މެޓް ވެބް ވިދާޅުވީ، ފޮސިލް ފިއުލް ބޭނުންކުރުން މަދުނުކޮށް ކާބަން ކެޕްޗާއަށް ބަރޯސާވުމަކީ ސިގިރޭޓް ބުއިން ހުއްޓާނުލައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަން އުޅުން ފަދަ ކަމެއް ކަމަށެވެ.

މަޝްވަރާތައް ނާކާމިޔާބުވި އަނެއް ބޮޑު ސަބަބަކީ މޫސުމީ ކާރިސާތަކުގެ ގެއްލުން އެންމެ ބޮޑަށް ތަހައްމަލުކުރާ ފަގީރު ގައުމުތަކަށް ދޭ މާލީ އެހީތެރިކަމާ މެދު އެއްބަސްނުވެވުމެވެ. 2035 ވަނަ އަހަރާ ހަމައަށް އެޑަޕްޓޭޝަން ފައިނޭންސް ތިންގުނައަށް އިތުރުކުރަން ދެލިކޮޕީގައި ހިމެނި ނަމަވެސް، އަޅާކިޔާނެ މިންގަނޑުތަކެއް އަދި ސީދާ އަދަދުތަކެއް ހިމަނާފައި ނުވާތީ ތަރައްގީވަމުން އަންނަ ގައުމުތަކުން ވަނީ މާޔޫސްކަން ފާޅުކޮށްފައެވެ. ކޮޕް މަޝްވަރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ހަރްޖީތު ސިންގް ވިދާޅުވީ، މުއްސަނދި ގައުމުތަކުން ކާރިސާތަކަށް ތައްޔާރުވުމަށް އެހީތެރިވާން ފައިސާ ނުދީ، ދުނިޔެ ތަޣައްޔަރުކުރާ ފަރާތްތަކަށް ލުއިދީފައިވާ ކަމަށެވެ.

ދުނިޔޭގެ ސަމާލުކަން އެހެން ސިޔާސީ ކަންކަމަށާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައި ލޮޅުމަށް ހުއްޓިފައިވާއިރު، މޫސުމީ ކާރިސާތައް ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. އދ. ގެ ރިޕޯޓަކުން ދައްކާ ގޮތުގައި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމުގެ އަމާޒަށް ވާސިލުނުވެވި، މިހާރު ހުރި ސިޔާސަތުތަކާއެކު ހޫނުމިން 2.8 ޑިގްރީއަށް އުފުލުމުގެ ނުރައްކާ އެބައޮތެވެ. ޕަވާ ޝިފްޓް އެފްރިކާގެ ޑިރެކްޓަރު މުހައްމަދު އަދޯވް ސިފަކުރެއްވި ގޮތުގައި މިއީ ތާރީޚުގައި ވެސް އެންމެ ދަށް ފެންވަރުގެ ކޮޕް ބައްދަލުވުމެވެ. ނަމަވެސް، މަޝްވަރާތަކުގެ ރައީސް ކްރިސް ބޮވެން ވިދާޅުވީ، ނަތީޖާއާމެދު މާޔޫސްވި ނަމަވެސް މި ބައްދަލުވުމުން ރަނގަޅު ކަންތައްތަކެއް ވެސް ހާސިލުވި ކަމަށެވެ.