އިސްރާއީލާއި ފަލަސްތީނާ ގުޅޭ ސިޔާސަތުތައް އެކަށައެޅުމުގައި އެމެރިކާއިން އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޑިމޮކްރަސީގެ ހަމަތަކަށް އިސްކަންދޭންޖެހޭ ކަމަށް އެމެރިކާގެ ސެނެޓަށް އިންތިޚާބުވެވަޑައިގެންފައިވާ އަބްދުލް އަލްސައްޔިދު ވިދާޅުވެއްޖެއެވެ.

މިޝިގަން ސްޓޭޓުން ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ ސެނެޓަރ-އިލެކްޓް އަލްސައްޔިދު މިހެން ވިދާޅުވީ އާދީއްތަ ދުވަހު އެންބީސީގެ "މީޓް ދަ ޕްރެސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އޭނާ މިފަދައިން ވިދާޅުވީ ދުނިޔޭގައި އޮތް ހަމައެކަނި ޔަހޫދީ ދައުލަތުގެ ވަނަވަރު ނުވަތަ އައިޑެންޓިޓީ ދޫކޮށްލަންވީ ކީއްވެގެންތޯ ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ސުވާލާ ގުޅިގެން އޭނާ ވިދާޅުވީ، އިސްރާއީލާ ގުޅޭ ކަންކަމުގައި ވެސް އެމެރިކާއިން ޑިމޮކްރަސީގެ އަސާސްތައް ތަންފީޒުކުރަންޖެހޭ ކަމަށެވެ.

ފަލަސްތީނުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަލްސައްޔިދު ވިދާޅުވީ، މާތް ބިމުގައި އެތައް ޖީލެއް ވަންދެން ދިރިއުޅެމުންދާ އާއިލާތަކެއް ހިމެނޭ ފަލަސްތީނުގެ ރައްޔިތުން ވެސް ތިބިކަން ހަނދާން ބެހެއްޓުން މުހިންމު ކަމަށެވެ. އަދި އެ މީހުންނަށް އަމިއްލަ ދައުލަތެއް ލިބޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ފެންނަމުންދަނީ އިސްރާއީލުގެ ދައުލަތް ފުޅާވަމުންދާ މަންޒަރު ކަމަށާއި އެމެރިކާއިން ދަނީ އެކަމަށް އެއްބާރުލުން ދެމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލްސައްޔިދު އިތުރަށް ވިދާޅުވީ، އެމެރިކާއިން އަބަދުވެސް ހުރިހާ ކަމަކަށް ވުރެ ބޮޑަށް އިސްކުރަންވާނީ ޑިމޮކްރަސީ ކަމަށެވެ.

ޑިމޮކްރަސީ އާއި އިންސާފުގެ އަސާސްތައް ސާފުކޮށް އެނގެންޖެހޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ފަލަސްތީނު މީހުންނަށާއި ޔަހޫދީ އިސްރާއީލީންނަށް ވެސް ހަމަހަމަ ހައްގުތަކާއި، ސުލްހައާއި، ކަރާމާތާއި، އަދި އަމިއްލަ ހައްގުތައް ކަނޑައެޅުމުގެ ހައްގު ލިބިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން، އޭނާ ދެއްކެވި ވާހަކަތަކަކީ އެއްވެސް ވަކި ގްރޫޕަކާ ނުވަތަ ބަޔަކާ ދެކޮޅަށް ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް ވެސް ސެނެޓަރ-އިލެކްޓް އަބްދުލް އަލްސައްޔިދު ވަނީ ވިދާޅުވެފައެވެ.