ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ކަނޑުމަތިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ތަރިކަ، އުމުރުން 36 އަހަރުގެ މުޙައްމަދު ޘާޤިބް އެވެ.
ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކާށިދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރީ ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް، ކ. އޮޅަހަލި ކައިރި ކަނޑުމަތިންނެވެ.
މި އޮޕަރޭޝަނަކީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން ކަނޑުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 226 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 13 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!