މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގައި ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ.

ވަޒީރު ޢަލީ އިޙްސާން އޭޑީކޭ ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި، އަނިޔާވި ފުލުސް އޮފިސަރާ ބައްދަލުކުރައްވައި އޭނާއަށް ވަނީ ހިތްވަރު ދެއްވާފައެވެ. މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދް ފިކްރީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އެއްވެސް ފަސްޖެހުމެއްނެތި ގައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކެވި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް އޭނާ ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތް ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތުގައި ފުލުހުންގެ އޮފިސަރުން ވަމުންދާ މަތިވެރި ގުރުބާނީ، ވަޒީރު އިޙްސާން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، މި ދަތި ދަނޑިވަޅުގައި އޮފިސަރުގެ އާއިލާއަށް ވަޒީރު ވަނީ ހިތްވަރު ދެއްވާފައެވެ. އަދި އާއިލާއަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި މުއައްސަސާގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 17 ވަނަ ދުވަހުގެ ފަތިހު 04:29 އެހައިކަންހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ.

އަނިޔާވި ފުލުސް އޮފިސަރަކީ ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުން ދިޔަ އޮފިސަރެކެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ބެރިކޭޑެއްގައި ޖެހި، ފުލުސް އޮފިސަރުގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.