ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސީ، ފުލުހުން ބިރުގަންނަވައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ކަމަށާއި، އެފަދަ ކަންކަމުން ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ. އެ ވަގުތު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހުމުގެ ސަބަބުން އެ އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. ފުލުހުން ވަނީ މި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި އަމަލު ހިންގާފައިވަނީ ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް މަގުމަތީގައި ޖަހާފައިވާ ބެރިކޭޑުގައި ޖައްސައި، އެއާއެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހިގެންނެވެ. އަދި މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭގޮތުން ސީޕީ ވިދާޅުވީ، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއެޅުމަށް ހިންގި އަމަލެއް ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި މި އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.
މި ނުރައްކާތެރި އަމަލު ހިންގި ސައިކަލު ފުލުހުން މިހާރު ވަނީ ޓޯކޮށްފައެވެ. އަދި އެ ސައިކަލުގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މިކަމުގައި ޝާމިލުވާ އިތުރު ދެ މީހަކާއި އިތުރު ސައިކަލެއް ލޮކޭޓްކޮށް، އެ މީހުންވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އިތުރަށް ވިދާޅުވީ، މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތުގައި، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ބެލުމެއްނެތި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރައްވާނެ ކަމަށްވެސް ސީޕީގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!