އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި އިންޑިއާގައި ކުރިއަށްދިޔަ މުޒާހަރާއެއްގައި ބައިވެރިވުމާ ގުޅިގެން، ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ކޮއްކޮގެ ދަރިފުޅު އަދި އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އެ ޤައުމުން ފޭބުމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން އަންގައިފިއެވެ.
އެމެރިކާގެ ރައްޔިތެއް ކަމަށްވާ އިމްރާން ޚާން އަތުގައި އޮންނަނީ އިންޑިއާ ދަރިކޮޅުގެ މީހުންނަށް ދޫކުރާ "އޯވަސީސް ސިޓިޒަން އޮފް އިންޑިއާ" (އޯސީއައި) ކާޑެކެވެ.
ފުލުހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މުމްބާއީގެ އޮގަސްޓް ކްރާންތީ މައިދާނުގައި، އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށްގެންދިޔަ މުޒާހަރާގައި އިމްރާން ޚާން ބައިވެރިވެފައިވާ ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތަކަށް ނުވަނީސް މުޒާހަރާކޮށް ޤާނޫނާ ޚިލާފުވުމުގެ ސަބަބުން، ފޮރިންސް ރީޖަނަލް ރަޖިސްޓްރޭޝަން އޮފީސް (އެފްއާރުއާރުއޯ) އިން އޭނާއަށް ޤައުމު ދޫކޮށް ދިއުމުގެ ނޯޓިސް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޯސީއައި ކާޑު އޮންނަ މީހުންނަށް އިންޑިއާއަށް ދަތުރުކުރުމާއި ދިރިއުޅުމުގެ ހުއްދަ އޮތް ނަމަވެސް، ވޯޓުލުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްޤެއް ނޯވެއެވެ. މި ނޯޓިސްއާ ގުޅިގެން އިމްރާން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި އިމްރާނާ ދެކޮޅަށް ޝަކުވާ ހުށަހެޅީ އިންޑިއާ އަދި މަހާރާޝްޓްރާ ސްޓޭޓްގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ލީޑަރެއް ކަމަށްވާ ކިރިތު ސޯމައްޔާއެވެ. ސޯމައްޔާ ވަނީ އިންޑިއާގައި ހަމަނުޖެހުން އުފެއްދުމުގެ ރޭވުމެއްގައި އިމްރާން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ސޯމައްޔާގެ މި ތުހުމަތުތަކަށް އިމްރާން ސީދާ ރައްދެއް ނުދިން ނަމަވެސް، މުޒާހަރާގައި ބައިވެރިވުމާ ގުޅޭގޮތުން އޭނާ ވަނީ ނޫސްވެރިންނާ ވާހަކަދައްކާފައެވެ.
"އަހަރެންގެ އެއްވެސް ޑިމާންޑެއް ނެތް. އަހަރެން މިތަނަށް މިއައީ ރައްޔިތެއްގެ ހައިސިއްޔަތުން، މި ސިޓީގައި ދިރިއުޅޭ މީހެއްގެ ގޮތުގައި. މިނިވަންކަމާއެކު އުޅުމުގެ ހައްޤު ހަނިކުރަނީ ކީއްވެގެންތޯއާއި، މީހުންގެ އަޑުތައް ކަނޑުވާލަނީ ކީއްވެގެންތޯ ބަލަން،" އިމްރާން ބުންޏެވެ. އަދި އޭނާ އެ މުޒާހަރާއަށް ދިޔައީ އެއްވެސް ޖަމާއަތެއް ތަމްސީލުކުރުމަށް ނޫން ކަމަށްވެސް އިމްރާން ވަނީ ބުނެފައެވެ.
އޮކްޓޯބަރު 10 ވަނަ ދުވަހު އޮތް މި މުޒާހަރާގެ ތެރެއިން އެހެން ބައިވެރިންނާއެކު އިމްރާން ޚާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކުޑަ ވަގުތުކޮޅަކަށް ހިފެހެއްޓިއެވެ. ފުލުހުންގެ ބަންދު ވޭނުގައި އިންނަ މަންޒަރު ފެންނަ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކުރަމުން އިމްރާން ލިޔެފައިވަނީ، "ފެންނަ ފެނުމަށް ބަލާއިރު މިއުޅެނީ ބުރުޖަހާލަން ދާން،" މިފަދައިންނެވެ. އޭނާގެ މި ޕޯސްޓަށް ސޯޝަލް މީޑިއާގައި ދެ މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ.
މި މުޒާހަރާއަކީ ޖީލު 'ޒެޑް' (ޖެން-ޒީ) އިސްނަގައިގެން ހިންގާ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން ގޮވާލައިގެން ބޭއްވި އެއްވުމެކެވެ. މުހިންމު ސްޓޭޓް އިންތިޚާބުތަކެއް ބޯމަތިވެފައިވަނިކޮށް، ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާ ގުޅިގެން އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށާއި އިންތިޚާބީ އިސްލާހުތަކަށް އެދި ސީޖޭޕީން އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. ނަމަވެސް ވޯޓު އޮޅުވާލި ކަމަށް ކުރެވޭ ތުހުމަތުތައް އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ދޮގުކުރެއެވެ. ވޭތުވެދިޔަ ހަފުތާ ބަންދުގައިވެސް ދިއްލީއާއި މުމްބާއީ އަދި އެކި ސަރަހައްދުތަކުގައި އެތައް ހާސް ބަޔަކު ވަނީ މި ކަމުގައި މަގުތަކަށް ނުކުމެފައެވެ.
މީގެ އިތުރުން، ހޯމަ ދުވަހު ކޮންގްރެސް ޕާޓީގެ މަޖިލިސް މެންބަރު ރާހުލް ގާންދީ ހިމެނޭހެން އިންޑިއާގެ އިދިކޮޅު މައި ޕާޓީތަކުގެ ލީޑަރުން ވަނީ ދިއްލީގެ ކޮނޯޓް ޕްލޭސްއިން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް އެތައް ހާސް ބަޔަކާއެކު ހިނގާލުމެއް ބާއްވާފައެވެ. އަދި ބުދަ ދުވަހު، ދިއްލީގެ މުޒާހަރާ ސަރަހައްދަކަށް ހުއްދަނެތި ވަން ކަމުގެ ތުހުމަތުގައި ސީޖޭޕީގެ އިސް ދެ ލީޑަރަކު ހައްޔަރުކޮށް، ފަސް ދުވަހަށް ޖަލަށް ލާފައިވާއިރު، އެ ޕާޓީން ވަނީ ހުކުރު ދުވަހުގެ ހަވީރު ވެރިރަށުގައި އިތުރު މުޒާހަރާއަކަށް ގޮވާލާފައެވެ.
އުމުރުން ދުވަސްވީ ފިލްމީ ތާރީޚެއް އޮތް އިމްރާން ޚާން ފުރަތަމަ ފެނިގެންދިޔައީ 1988 ވަނަ އަހަރުގެ މަޝްހޫރު ފިލްމު "ޤަޔާމަތު ސޭ ޤަޔާމަތު ތަކް" އަދި 1992 ގެ "ޖޯ ޖީތާ ވޮހީ ސިކަންދަރު" އިން ކުޑަކުއްޖެއްގެ ރޯލުންނެވެ. ލީޑް އެކްޓަރެއްގެ ގޮތުގައި 2008 ގެ ކާމިޔާބު ފިލްމު "ޖާނޭ ތޫ... ޔާ ޖާނޭ ނާ" އިން ބޮޑު މަޤްބޫލުކަމެއް ހޯދުމަށްފަހު، އޭނާ ވަނީ "އައި ހޭޓް ލަވް ސްޓޯރީސް"، "މޭރޭ ބްރަދަރ ކީ ދުލްހަން" އަދި "ދިއްލީ ބެލީ" ފަދަ ގިނަ ފިލްމުތަކެއް ކުޅެފައެވެ. އިންޑިއާއިން ފޭބުމަށް އޭނާއަށް އަންގާފައި މިވަނީ، އެކްޓިންގ ދާއިރާއާ 10 އަހަރަށް ވުރެ ގިނަ ދުވަހު ދުރުގައި ހުރުމަށްފަހު ނެޓްފްލިކްސްގެ "އަދޫރޭ ހަމް އަދޫރޭ ތުމް" އިން އަލުން އެނބުރި އަންނަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!