ކ. ގުރައިދޫ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.
ފުލުހުން ބުނީ، ގުރައިދޫގެ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭ 20:36 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ ހަމަލާގެ ސަބަބުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ.
އެގޮތުން، އަނިޔާވި އެ މީހާގެ ވާތްފަރާތު މުލައްދަނޑިއަށާއި ކަނާތްފަރާތު އުކުޅުވަޅު ކައިރިއަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައެވެ.
މީގެ އިތުރުން، އެ ގޭތެރޭގައި ހިނގި މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި މީހަކަށްވެސް މި ހާދިސާގައި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މަސައްކަތުގެ ތެރެއިން އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މި މާރާމާރީގެ މައްސަލައިގެ ތުހުމަތުގައި އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!