ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ކަމަކަށް ވާއިރު، ވަކިން ޚާއްޞަކޮށް އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ކ. ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާގައި ބޭއްވި ޚާއްޞަ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާއަށް އެކަމަނާ ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ، ޞިއްޙަތާއި ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

Ad
rt

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގައި ވެސް އިސްރަށްވެހިންނަކީ އެ ޤައުމެއް މިއަދު އޮތް ހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ޤުރުބާނީއެއް ވި ފަރާތްތައް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެއީ އެ ޤައުމަކަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި އެންމެ ބޮޑެތި ބުރަތައް އުފުލައި، ޤައުމު ބިނާކުރާނެ ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ޚިދުމަތުގެ މައިދާނަށް ނެރެދިން އެންމެ ހަރުދަނާ ތަނބުތައް ކަމަށް ވެސް ވިދާޅުވިއެވެ.

އިސްރަށްވެހިންނަށް ކަމޭހިތުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން، އެ ފަރާތްތަކަށް ޤަދަރުކޮށް، ކަމޭހިތައި، އެހީތެރިކަމާއި މަދަދުވެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން އިސްރަށްވެހިންގެ ރައްކާތެރިކަމާ ގުޅޭ ހުރިހާ ދާއިރާއަކަށް ވެސް ޚާއްޞަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި އިސްރަށްވެހިންގެ މަރުކަޒުތައް ހުޅުވެމުންދާކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އެ ތަންތަނުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން އިސްރަށްވެހިންގެ އެކަނިވެރިކަން ފިލައި، އެމީހުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މަރުކަޒުތަކުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަޤީންކަން ވެސް އެކަމަނާ ދެއްވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ކަސްރަތު ހަރަކާތުގައްޔާއި، ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ "އިސްރަށްވެހިންގެ ސައްލާ" ގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކާއެކު އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއް ވެސް ނަންގަވާފައެވެ.