މެލޭޝިއާގައި ދިވެހި ދަރިވަރަކު ނިޔާވެ، އިތުރު ދަރިވަރަކަށް އަނިޔާވި ނުރައްކާތެރި ކާރު އެކްސިޑެންޓާ ގުޅިގެން، އެ ދަރިވަރުން ދަތުރުކުރި އީ-ހެއިލިން ކާރު ދުއްވަން އިން ޑްރައިވަރުގެ މައްޗަށް އެ ގައުމުގެ ކޯޓުގައި ތިން ދައުވާއެއް އުފުލައިފިއެވެ.

މި އެކްސިޑެންޓާއި ގުޅިގެން މިއަދު (8 އޮކްޓޫބަރު)، ޝާހް އާލަމް މެޖިސްޓްރޭޓް ކޯޓުގައި އުފުލި މި ދައުވާތަކަށް ޑްރައިވަރު ވަނީ އިންކާރުކޮށްފައެވެ.

Ad
rt

މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މުހައްމަދު ޝަފީގު އިބްރާހިމް (37 އަހަރު) ގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ގައުމުގެ ރޯޑް ޓްރާންސްޕޯޓް އެކްޓް 1987 ގެ ދަށުން އުފުލާފައިވާ މައިގަނޑު ދައުވާއަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން ބޭނުންކޮށްގެން ހުރެ ކާރު ދުއްވައި، ދިވެހި ދަރިވަރެއްގެ މަރުގެ ސަބަބަކަށް ވުމުގެ ދައުވާއެވެ. މީގެ އިތުރުން ކާރުގައި ދަތުރުކުރި އަނެއް ފަސިންޖަރަށް އަނިޔާވުމުގެ ދައުވާއާއި، ފަރުވާކުޑަކޮށް އަދި ސަމާލުކަން ނުދީ ވެހިކަލް ދުއްވުމުގެ ވަކި ދައުވާއެއް ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:48 ހާއިރު، ނިއު ޕަންތާއީ އެކްސްޕްރެސްވޭ (އެންޕީއީ) ގައި، ޕުޗޮންގް އަށް ދަތުރުކުރާ ޕެޓަލިންގް ޖާޔާ ޓޯލް ޕްލާޒާ ކައިރިންނެވެ. ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ އާރްއެފްއައިޑީ ލޭނާ ދިމާލަށް ދަތުރުކުރަމުންދިޔަ އެހެން ކާރެއްގެ ފަހަތުން ކަނާތްފަރާތުގައި މި ކާރު ޖެހިގެންނެވެ. އެއާއެކު އީ-ހެއިލިން ކާރު އެނބުރިގަނެ، މަގުމައްޗަށް ބަންޑުން ޖަހާލީއެވެ.

މި ކާރުގައި ދަތުރުކުރީ މެލޭޝިއާގެ ކްލަންގް ވެލީގެ އަމިއްލަ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވަމުން އައި ދިވެހި ދެ އަންހެން ދަރިވަރުންނެވެ. މި ހާދިސާގައި ކާރުގެ ތެރޭގައި ތާށިވެ، ލިބުނު އަނިޔާތަކާ ގުޅިގެން އުމުރުން 22 އަހަރުގެ އާމިނާ އިމީލީ ނާޒިމް ވަނީ ހާދިސާ ހިނގި ތަނުގައި ނިޔާވެފައެވެ. އަދި ކާރުގައި ދަތުރުކުރި އުމުރުން 22 އަހަރުގެ އާއިޝަތު ސާރާ ނިޒާމަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އެކްސިޑެންޓްވި ދެ އުޅަނދުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން އީ-ހެއިލިން ޑްރައިވަރު ވަނީ މެތަމްފެޓަމިންއަށް ޕޮޒިޓިވް ވެފައެވެ. އެހެންވެ، ތަހުގީގަށް އޭނާ ހަތަރު ދުވަހުގެ މުއްދަތަކަށް ބަންދުކުރިއެވެ. މަސްތުވާތަކެތި ބޭނުންކޮށްގެން ދުއްވައި މީހަކު މަރުވުމުގެ ކުށް ސާބިތުވެއްޖެނަމަ، 15 އަހަރާ ހަމައަށް ޖަލަށްލުމާއެކު 50،000 ރިންގިޓާއި 100،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އަދަބެއް އެ ގައުމުގެ ގާނޫނުގައި ކަނޑައެޅިފައިވެއެވެ.

ކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު، ޕްރޮސެކިއުޝަނުން ވަނީ ކޮންމެ ދައުވާއަކަށް 10،000 ރިންގިޓުގެ މަގުން ކަފާލާތު ކަނޑައަޅައިދިނުމަށް އެދިފައެވެ. ނަމަވެސް އޭނާގެ ދިފާއީ ވަކީލު ފާހަގަކުރީ އީ-ހެއިލިން ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކޮށްގެން އޭނާއަށް މަހަކު ލިބެނީ ގާތްގަނޑަކަށް 2،000 ރިންގިޓު ކަމަށާއި، އޭނާ ބަލަހައްޓަނީ އަނތްބަކާއި ކުޑަ ދެ ކުދިން ކަމަށެވެ. ކޯޓުން ނިންމީ އެއް ޖާމިނުދާރަކާއެކު 9،000 ރިންގިޓުގެ ކަފާލާތެއްގެ ދަށުން އޭނާ ދޫކޮށްލުމަށެވެ. އަދި މައްސަލަ ނިމެންދެން އޭނާގެ ޑްރައިވިން ލައިސަންސް ހިފެހެއްޓުމަށް ވެސް އަމުރުކުރިއެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.