ސައޫދީ އަރަބިއްޔާގެ ދިފާއުގައި، އެ ގައުމާއި ޕާކިސްތާނު އަދި ތުރުކީ އެކުލެވޭ "މައްކާ އެލަޔަންސް ފޯ ޑިފެންސް" ގެ ދަށުން އެއްބަސްވެފައިވާ އަސްކަރީ ފައުޖުތަކާއި ވަސީލަތްތައް އަވަހަށް ސައޫދީއަށް ފޮނުވުމަށް އެ އިއްތިހާދުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ގުޅިފައިވާ ދިފާއީ ޒިންމާތައް ވަގުތުން އަމަލީ ގޮތުން ތަންފީޒުކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.

Ad
rt

މި ނިންމުން ނިންމާފައިވަނީ ސައޫދީ އަރަބިއްޔާއަށް ކުރިމަތިވެފައިވާ ސަލާމަތީ ކަންކަމާއި ނުރައްކާތަކާ ގުޅިގެން، ރިޔާޒުގައި ހޯމަ ދުވަހު ބޭއްވި އެ އިއްތިހާދުގެ ސްޓްރެޓީޖިކް-ޕޮލިޓިކަލް އެންޑް ޑިފެންސް ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަނީ އަސްކަރީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް އެއްބަސްވެފައެވެ.

މި ފިޔަވަޅަކީ ގައުމުތަކުން އެއްބަސްވެފައިވާ އިންތިޒާމުތަކާއި އެ ގައުމުތަކުގެ ގައުމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަސްކަރީ ތައްޔާރީތައް ވަރުގަދަކުރުމަށާއި އަސްކަރީ ގުޅުން ބަދަހިކުރުމަށް ނިންމި ނިންމުމެކެވެ. މީގެ ބޭނުމަކީ ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ގުޅިގެން ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުން ކަމަށް ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ވަނީ މައްކާއާއި މަދީނާއަށް އަމާޒުކޮށް ހަމަލާދޭން ކުރި މަސައްކަތްތަކާއި، ސައޫދީގެ އެކި ރަށްތަކަށާއި އާންމުންގެ އިތުރުން އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ސައޫދީގެ ސަލާމަތާއި ބިމުގެ ސިޔާދަތަށް ކުރިމަތިވާ ކޮންމެ ހަމަލާއަކާއި ނުރައްކަލެއް ބަލައިނުގަންނާނެ ކަމަށް ތިން ގައުމުން ވަނީ ތަކުރާރުކޮށް ހާމަކޮށްފައެވެ.

ސައޫދީ އަރަބިއްޔާއަށް ކުރިމަތިވާ ނުރައްކާތަކާއި ހަމަލާތަކުން އެ ގައުމުގެ ސަލާމަތާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސައޫދީ އަސްކަރިއްޔާއިން ދައްކަމުންދާ ހުށިޔާރުކަމާއި، ތައްޔާރީތަކާއި، ފަންނީ މަތީ ގާބިލުކަމަށް ޕާކިސްތާނާއި ތުރުކީން ވަނީ ތައުރީފުކޮށްފައެވެ. މީގެއިތުރުން، މި ބައްދަލުވުމުގެ ކުރިން ކުރިއަށްދިޔަ ސިޔާސީ އަދި އަސްކަރީ މަޝްވަރާތަކުގެ ނިންމުންތައް ބަލައިގަނެ، ހުށަހެޅުނު ލަފާތައް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އިއްތިހާދުގެ ހިންގުން ހަރުދަނާކުރުމުގެ ބައެއްގެ ގޮތުން، "މައްކާ އެލަޔަންސް ފޯ ޑިފެންސް" ގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޕާކިސްތާނުގެ ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް ނައުމާން މަހްމޫދު ތިން އަހަރުގެ ދައުރަކަށް އައްޔަންކުރުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ. އެ ގައުމުތަކުން ވަނީ އޭނާއަށް މަރުހަބާ ކިޔައި، މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދި، އިއްތިހާދުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އޭނާގެ ދައުރާމެދު އިތުބާރު އޮތްކަން ހާމަކޮށްފައެވެ.

ތިން ގައުމުން ފާހަގަކުރި ގޮތުގައި، ކޮންމެ ގައުމެއްގެ ވެސް ސަލާމަތަކީ ތިން ގައުމުގެ އެކުވި ސަލާމަތާ ވަކިނުކުރެވޭނެ ބައެކެވެ. އަދި މައްކާގެ ގުޅިފައިވާ ދިފާއީ އެއްބަސްވުން އަމަލީ ގޮތުން ތަންފީޒުކުރުމަކީ މި އިއްތިހާދުގެ އިތުބާރު ހާމަކޮށްދޭ، އަދި ގައުމުތަކުގެ ސަލާމަތާއި އިސްތިގުލާލު ދިފާއުކުރުމުގައި އެ ގައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އަޒުމު ސާބިތުކޮށްދޭ ކަމެއް ކަމަށް ވެސް އެ ބައްދަލުވުމުގައި ވަނީ ބަޔާންކޮށްފައެވެ.