ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މުޅިރާއްޖޭގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތްތަކުގެ ތެރެއިން އެކި ރަށްރަށުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ވަނީ ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު 3 ސަރަޙައްދުގައި ވެސް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
"ޑޯންޓް މިސް އަ ބީޓް" މި ޝިޢާރުގެ ދަށުން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ހިތުގެ ދުޅަހެޔޮކަން ފާހަގަކުރުމާއި، ހިތާއި ލޭނާރުގެ ބަލިތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.
ހުޅުމާލޭގައި ކުރިއަށްދިޔަ މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެންއެވެ. މީގެއިތުރުން ހައުސިންގ އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުންވެސް ވަނީ މި އިވެންޓުގައި ޢަމަލީ ގޮތުން ބައިވެރިވެފައެވެ.
މި ހަރަކާތުގައި ނޭޝަނަލް ސެންޓަރ ފޯރ ކާޑިއޯވެސްކިއުލަރ ސައިންސަސް (އެންސީސީއެސް) އާއި، މޯލްޑިވިއަން ރެޑް ކްރެސެންޓް، އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ އިތުރުން މޯލްޑިވިއަން ފިޒިއޮތެރަޕީ އެސޯސިއޭޝަނާއި، ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަދި ނޭޝަނަލް ޑައިއެބީޓީސް ސެންޓަރުން ވެސް ވަނީ ބައިވެރިވެފައެވެ. މި އިވެންޓުގެ ތެރެއިން އާންމުންނަށް ހިލޭ ހެލްތު ސްކްރީންކުރުމާއި، ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ތަފާތު އެކި ސްޓޯލްތައް ވަނީ ޤާއިމުކޮށްފައެވެ.
އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ސެންޓަރުން ވަނީ އާންމުންގެ ލޭގެ ޕްރެޝަރާއި ހަކުރު ޗެކްކުރުމުގެ ޚިދުމަތް ދީފައެވެ. އަދި އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރާއި ނޭޝަނަލް ޑައިއެބީޓީސް ސެންޓަރު (އެންޑީސީ) އަދި އެންސީސީއެސް ގުޅިގެން ހިތާއި ލޭދައުރުވާ ނިޒާމުގެ މޮޑެލްތައް ދައްކާލުމުގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކާއި ފޭސް ޕެއިންޓިންގ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން މޯލްޑިވިއަން ފިޒިއޮތެރަޕީ އެސޯސިއޭޝަނުން ވަނީ ޖިސްމާނީ ހަރަކާތްތަކަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމުގެ ޓެސްޓުތައް ހަދައިދީފައެވެ. ހަމައެއާއެކު، މޯލްޑިވިއަން ރެޑް ކްރެސެންޓުން ސީޕީއާރާއި ފުރަތަމަ އެހީގެ ހުނަރުތައް ދައްކައިދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައިރު، އެޗްޕީއޭގެ ޓޮބެކޯ ކޮންޓްރޯލުން ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމާ ގުޅޭގޮތުން ބޭނުންވާ އިރުޝާދާއި ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
ހުޅުމާލޭގެ އިތުރުން، އެޗްޕީއޭއިން އިސްނަގައިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެންވެސް ދުނިޔޭގެ ހިތުގެ ދުވަހުގެ ޚާއްޞަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހިތެއް އެޅުމާއި ފޮޓޯ ނެގުމުގެ ހަރަކާތްތަކެއް ބާއްވައި، ޤައުމީ ފެންވަރުގައި ހިތުގެ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އެއްބައިވަންތަކަން ވަނީ ދައްކުވައިދީފައެވެ. މީގެއިތުރުން އަމިއްލަ ހިތުގެ ދުޅަހެޔޮކަމަށްޓަކައި ކުރާނެ ކަންކަން ބަޔާންކޮށް 'ޕްރޮމިސް ޓު ހާރޓް' ޕްލެޖު ބޯޑުގައި ސޮއިކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!