ޚާއްޞަ އެހީއަށް ބޭނުންވާ އުމުރުން 19 އަހަރުގެ ފައްޔާހް ހަސަން ފަޔާޒް (ދޮންކަލޯ) އަށް ރައްކާތެރި ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ދިވެހި ޓިކްޓޮކް ކޮމިއުނިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ ޚާއްޞަ ފަންޑްރައިޒިން އިވެންޓުން، ރެކޯޑް އަދަދެއް ކަމަށްވާ 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
''ހިޔާ ފޯ ދޮންކަލޯ''ގެ ނަމުގައި ރޭ ބޭއްވި މި ޚާއްޞަ ލައިވް އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ދޮންކަލޯގެ ބައްޕަ، ފަޔާޒްގެ ރަސްމީ ޓިކްޓޮކް އެކައުންޓް މެދުވެރިކޮށެވެ. މި ހަރަކާތަކީ ދޮންކަލޯގެ އާއިލާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ދިވެހި ޓިކްޓޮކް ކޮމިއުނިޓީގެ މަޝްހޫރު އެމް.ޓީ.ޕީ އާއި މަރިޔަމް ސަމާ އިސްނަގައިގެން ކުރިއަށްގެންދިޔަ މި ބޮޑު ހަރަކާތުގައި، ރާއްޖޭގެ ޓިކްޓޮކްގައި ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ހޯސްޓުން ބައިވެރިވެ، ފައިސާ ހޯދުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އެ ގޮތުން، މި ލައިވް ފެށިގެން 30 މިނެޓު ވީއިރު 14,000 އަށްވުރެ ގިނަ މީހުން ވަނީ މި ލައިވްގައި ބައިވެރިވެ އެހީތެރިވާން ފަށައިފައެވެ.
ދޮންކަލޯގެ ދިރިއުޅުމާ ގުޅޭ ޙާލަތު ޓިކްޓޮކް މެދުވެރިކޮށް ފަޔާޒް ޙިއްސާކުރަމުން ދިޔައިރު، އެ ވީޑިއޯތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބެމުންދެއެވެ.
ފަޔާޒުގެ އެ ދިރިއުޅުމުގެ ތެރެއިން އޭނާ ޓިކްޓޮކަށް ދަރިފުޅާ އެކު ނަގާފައި ހުންނަ ވީޑިއޯ ލާން ފެށީ 2024 ވަނަ އަހަރުގެ ތެރޭގައިކަމަށާއި އޭގެ ސަބަބުން ގިނަ ބަޔަކަށް އޭނާ އެނގި، 33،000 އަށް ވުރެ ގިނަ މީހުން އޭނާގެ އެކައުންޓަށް ފޮލޯކުރަމުންދާކަމަށް ފަޔާޒް ބުނެއެވެ.
ފަޔާޒަށް ވަޒީފާއަށް ނުދެވި ގޭގައި ހުންނަން ޖެހިފައިވަނީ، ދޮންކަލޯ ރުޅިގަދަވާ ވަގުތުތަކުގައި ގޭގައި ތިބޭ ދުވަސްވީ މައިންބަފައިންނަށް އޭނާ ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭތީއެވެ. އެހެންކަމުން ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި އޭނާ މިވަގުތު ހުރީ މުއްދަތެއް ނެތް ގޮތަށް ވަޒީފާއިން ވީއްލި ގޭގައެވެ.
ބ. ހިތާދޫގައި މިހާރު އެ މީހުން ދިރިއުޅޭ ގެއަކީ، ޖާގަ ކުޑަވެފައި ހޫނުގަދަ ތަނެއްކަމުން، ދޮންކަލޯއަށް ހިތްފަސޭހަ އަދި ދުވެ އުޅެވޭ ފަދަ ތަނަވަސް މާހައުލެއް ހޯދައިދިނުމުގެ ގޮތުން ފަޔާޒް ވަނީ އާ ގެއެއް ބިނާކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޭގެ ފުރާޅު އެޅުނު ނަމަވެސް، ތަޅުމުގައި ސިމެންތި ޖެހުމާއި ޓައިލްސް ޖެހުން ފަދަ ކަންކަން ކުރިއަށް ނުގެންދެވި ހުއްޓުނީ، ފައިސާގެ ދަތިކަމާ ކުރިމަތިލާންޖެހުމުން ކަމަށް ފަޔާޒް ބުނެއެވެ.
އެހެންކަމުން، ޓިކްޓޮކް ލައިވްގައި ބައެއް ފަރާތްތަކުން ވަނީ އެ ގެއަށް ބޭނުންވާ ފަރުނީޗަރާއި ގޭގައި ބޭނުންކުރާނެ ބައެއް ތަކެތި ހަދިޔާކުރާނެކަމަށް ބުނެ، ފަޔާޒަށް އުއްމީދުތަކެއް ދީފައެވެ.
މި ލައިވް އިވެންޓުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ މަތިވެރި ދީލަތިކަމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބުނު ބޮޑު އެހީއަކީ ދޮންކަލޯއަށް ރައްކާތެރި ދާއިމީ ބޯހިޔާވަހިކަމެއް ފަހިކޮށްދިނުމުގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ފަޔާޒަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!