ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ހަށިހެޔޮ 2026" ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ޖުމްލަ 240 ބައިވެރިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ އިންތިޒާމުތަކަށް މިއަހަރު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

Ad
rt

މި ޕްރޮގްރާމަކީ ކޭއާރުއެޗުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، މޯލްޑިވްސް ޕޮލިސް ސާވިސްގެ ކުޅުދުއްފުށި ސިޓީ ޕޮލިސް އަދި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޭއާރްއެޗް އިން މައުލޫމާތު ދޭ ގޮތުގައި، އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމް އޮންނާނީ 3 އޮކްޓޫބަރު 2026 އިން ފެށިގެން 3 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ.

މި ޕްރޮގްރާމް މައިގަނޑު ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން މޫދު ކަސްރަތުގެ ބައިގައި ޖުމްލަ 80 ބައިވެރިންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މޫދު ކަސްރަތުގެ ފުރަތަމަ ސެޝަން ހެނދުނު 06:00 ން 07:00 އަށް ކުރިއަށްދާއިރު، ދެވަނަ ސެޝަން އޮންނާނީ ހެނދުނު 07:00 ން 08:00 އަށެވެ.

ދެވަނަ ބައި ކަމަށްވާ ފިޒިކަލް ޓްރެއިނިންގ ބައިގައި 160 ބައިވެރިންނަށް ފުރުސަތު އޮތްކަމަށް ހޮސްޕިޓަލުން ބުނެއެވެ. މި ބައިގެ ފުރަތަމަ ސެޝަން ރޭގަނޑު 20:00 ން 21:00 އަށް ކުރިއަށްދާއިރު، ދެވަނަ ސެޝަން ކުރިއަށްދާނީ ރޭގަނޑު 21:00 ން 22:00 އަށެވެ.

މިއަހަރުގެ ޕްރޮގްރާމަށް ގެނެވުނު މުހިންމު ބަދަލުތަކަށް ބަލާއިރު، އެއްމަސް ދުވަހުގެ ކަސްރަތު ނިމުމާއެކު ވަގުތުން ނިންމުމުގެ ރަސްމިއްޔާތެއް ނޯންނާނެ ކަމަށް ކޭއާރްއެޗުން ބުނެއެވެ. އެއާއެކު، ޕްރޮގްރާމް ފެށުމުގެ ކުރިން ފުރަތަމަ އެސެސްމަންޓް ހެދުމަށްފަހު، އެއްމަސް ދުވަހުގެ ކަސްރަތު ނިމުމުން ދެވަނަ އެސެސްމަންޓެއް ހަދަން ވަނީ ނިންމާފައެވެ.

ކޭއާރްއެޗް އިން ބުނެފައިވާ ގޮތުގައި، ދެވަނަ އެސެސްމަންޓަށް ފަހުވެސް، ކޮންމެ 3 މަހުން 3 މަހުން، 2027 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ބައިވެރިންގެ ފޮލޯއަޕް އެސެސްމަންޓްތައް ކުރިއަށްދާނެއެވެ. އަދި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ އެސެސްމަންޓަށް ފަހުގައި ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ހަވީރު 16:00 ން ހެނދުނު 06:00 އާ ދެމެދު 6528864 ނަންބަރު ފޯނަށް ގުޅައިގެން ނަން ނޯޓުކުރެވޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ 24 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 06:00 އެވެ.